
ބަނގުރާ ބޮއި، މަސްތުގެ ހާލަތުގައި ތިބެގެން ހަމަނުޖެހުން ހިންގި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ކްރިމިނަލް ކޯޓުން ހަތަރު މީހުންގެ ބަންދު އަމުރު ވަކިވަކިން ނެރުނުއިރު، އެއިން ދެ މީހަކު ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެ އެވެ. ބާކީ ދެ މީހުންގެ ބަންދަށް ކަނޑައެޅީ ތިން ދުވަހެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު:
- ހަސަން ލުޖައިން މުހައްމަދު، ހުދުވިލާގެ/ ނ. ވެލިދޫ (24އ.) – ބަންދަށް 5 ދުވަސް
- އިބްރާހިމް މަންސޫރު، ރަންތަރި/ ނ. ވެލިދޫ (34އ.) – ބަންދަށް 3 ދުވަސް
- ސުހާ ޝަފީއު، ދަފްތަރު ނަންބަރު ރސ 93301 (29އ.) – ބަންދަށް 5 ދުވަސް
- ރިފްގާ ޖަމާލް، ބޯޅަކިންކިރިމާގެ، ގދ. ގައްދޫ (24އ.) – ބަންދަށް 5 ދުވަސް
ފުލުހުން ބުނި ގޮތުގައި ހުޅުމާލޭ ފޭސް 1ގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓް ކުރީ އިއްޔެ ހެނދުނު 6 ޖަހާކަށްހާއިރެވެ. އެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުން ވަނީ އެ އެޕާޓްމަންޓަށް ހާޒިރުވެ އެ ތަން ބަލައިފާސްކޮށްފައެވެ.
އެ ގޮތުން އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން އެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާނެ ހެކިތައް އެއްކުރި ކަމަށާއި އޭގެ ތެރޭގައި ބަނގުރާ ހުސްކޮށްފައި ހުރި ކަމަށް ބެލެވޭ ފުޅިތަކެއް ހިމެނޭ ކަމަށް ބުންޏެވެ.


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































