
އިގުތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވަން ސަރުކާރުން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފިއެވެ.
އެ ބައްދަލުވުންތައް ފެށީ އިއްޔެ އދ. މަހިބަދޫގައެވެ.
އެ ބައްދަލުވުންތަކަކީ ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަދި އަލަށް ވިޔަފާރިއަށް ނިކުންނަ އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހުރި ފުރުސަތުތަކާއި، ބޭނުންވާ ތަމްރީނުތަކުގެ އިތުރުން ލިބެންހުރި ވަސީލަތްތައް ދެނެގަނެ، އަންހެނުންގެ އިޤްތިސާދީ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒުކުރުން ހަރުދަނާކުރުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި އެ ބައްދަލުުވުންތަކުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި ސީދާ ބައްދަލުކޮށް، ރަށުގެ އިގުތިސާދުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރެވިދާނެ އަމަލީ ކަންކަން ދެނެގަތުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ މަޝްވަރާތައް އަރިއަތޮޅު ދެކުނުބުރީގެ 10ރަށެއްގައި މި ހަފްތާތެރޭގައި ކުރިއަށްދާނެ ކަމަށެވެ.
މިއީ އަންހެނުންގެ ތަޖުރިބާތަކާއި، ހިޔާލުތައް އަދި ހުށަހެޅުންތައް ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުސަތެެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އެ ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތުތަކުގެ އެހީގައި، ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަންހެނުންގެ ޙާލަތާ ގުޅޭ، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލެވޭނެ ކަމަށެވެ.
އެ މަޝްރޫއުގެ މުހިންމު ނަތީޖާއަކަށް ވެގެންދާނީ އަންހެން ވިޔަފާރިވެރިންނާ ގާތް ގުޅުމެއް އުފެދި، އަތޮޅުގެ އަންހެނުން ހިންގާ ވިޔަފާރިތަކާއި އިޤްތިސާދީ މަސައްކަތްތަކުގެ ފުރިހަމަ މެޕިންގްއެއް އެކުލަވާލެވުންކަމަށް މިނިސްޓްރީން ބުންޏެވެ.




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































