61ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ސަޢޫދީ ޢަރަބިއްޔާގެ އިސް މަންދޫބު، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އެމަނިކުފާނުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފިއެވެ.

ސަޢޫދީ ވަލީއަޙުދު އަދި ބޮޑުވަޒީރު ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ މަންދޫބެއްގެ ހައިސިއްޔަތުން ރާއްޖެއަށް ވަޑައިގެންނެވި މި ވަފުދުގެ އިސްވެރިޔާ މި ދަތުރުފުޅު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރުވި ޚާއްޞަ ދަޢުވަތަކަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޕްރިންސް މަންޞޫރަކީ ދެ ޙަރަމްފުޅުގެ ޚާދިމުގެ ޚާއްޞަ މުޝީރުގެ އިތުރުން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްވެސްމެއެވެ.

މި މުހިންމު ޒިޔާރަތުގެ ތެރެއިން، ޕްރިންސް މަންޞޫރު ވަނީ ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ، ރައީސް ޑރ. މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ތާރީޚީ އަޚުވަންތަ ގުޅުން އިތުރަށް ފުޅާކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ އަގުހުރި މަޝްވަރާތަކެއް ކުރައްވާފައެވެ. ހަމައެހެންމެ، އެމަނިކުފާނުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚާއްޞަ ފަރިއްކޮޅެއްގައި ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޕްރިންސް މަންޞޫރު ރާއްޖެއިން ފުރާވަޑައިގަތީ، ޖުމްހޫރީ މައިދާނުގައި ކުލަގަދަކޮށް ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ބައްލަވާލެއްވުމަށްފަހުގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް އަލްވަދާޢު ވިދާޅުވުމަށް ވަޑައިގެންނެވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާއި ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސްގެ ޕްރިންސިޕަލް ސެކްރެޓަރީ މުޙައްމަދު ނަޞީރެވެ.

Leave a Reply