
އދ. ދިއްދޫގައި ތަރައްޤީކުރި ފެންވަރު ރަނގަޅު ފުޓްސަލް ދަނޑު ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވަޒީރުގެ އިތުރުން، ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުﷲ ރަޝީދާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން އަދި ދިއްދޫ ކައުންސިލްގެ ރައީސް އަނީސް މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ވެސް، ކައުންސިލްގެ މެންބަރުންނާއި އެކިއެކި މުއައްސަސާތަކުގެ އިސް ވެރިން މި ޙަފްލާގައި ހާޒިރުވެ ތިއްބެވިއެވެ.
ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، އދ. ދިއްދޫ ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފި.
އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ތަރައްޤީކުރި ފުޓްސަލް ދަނޑަކީ ދިއްދޫގައި މުޅިން އަލަށް ޤާއިމްކުރި ދަނޑެއް.
މި ދަނޑު ހުޅުވުމުގެ ގޮތުން ކުޅިވަރު… pic.twitter.com/ezyL7xrNa1— Ministry of Youth Empowerment, Sports and Fitness (@MoYSF_mv) July 10, 2026
ޖުމްލަ 1.74 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓަކީ ސަރުކާރުން އެމްޓީސީސީއާ ޙަވާލުކުރައްވައިގެން ނިންމާފައިވާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން، ދަނޑުގެ ބިންގަނޑު އެއްވަރުކުރުމާއި، ޓާފް އެޅުމުގެ އިތުރުން، ދަނޑު ވަށައިގެން ލައިޓް ހަރުކުރުމާއި، ގޯލްޕޯސްޓް ބެހެއްޓުމާއި، ކުޅިބަލާ މީހުންނަށް ޚާއްޞަ ބެންޗުތައް ހެދުން ފަދަ މުހިންމު މަސައްކަތްތައް ވަނީ ފުރިހަމަކޮށްފައެވެ.
އާބާދީގައި އެންމެ 234 މީހުން ދިރިއުޅޭ ދިއްދޫގައި މި ހުޅުވުނު އައު ދަނޑާ އެކު، އެރަށުގެ ކުޅިވަރަށް ލޯބިކުރާ ޒުވާނުންނަށް އައު ދިރުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. މި ދަނޑު ހުޅުވުމުގެ އުފާ ފާހަގަކުރުމުގެ ގޮތުން، ރަސްމިއްޔާތުގެ ތެރެއިން ވަނީ އެކުވެރިކަމުގެ ޚާއްޞަ ފުޓްސަލް މެޗެއް ވެސް ކުޅެފައެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































