އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ބައްދަލުވުމަށް އެ ޕާޓީން ވަރަށް ފުޅާ ދާއިރާއެއްގައި ތައްޔާރީތައް ވަމުން އަންނަކަން ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާޢު ހާމަކުރައްވައިފިއެވެ.

ރޭ ބޭއްވި ޕީއެންސީ މެންބަރުންގެ އާންމު މަޖިލީހުގެ ބައްދަލުވުމަކަށްފަހު ސޯޝަލް މީޑިއާ މަންސަ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާޢު ވިދާޅުވީ، އެ ބައްދަލުވުމުގައި ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު ކަންތައްތަކެއް ހުށަހެޅުއްވި ކަމަށެވެ. އަދި އެ ހުށަހެޅުންތައް މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއެކު އިއްތިފާގުން ފާސްކޮށްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެ މަޖިލީހުން ފާސްކުރީ ކޮންކޮން ކަންތައްތަކެއްކަން ޝުޖާޢު ތަފްސީލުކޮށްދެއްވާފައެއް ނުވެއެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުންތައް ގަވާއިދުން އަދި ކައިރިކައިރީގައި ބާއްވަމުން ގެންދާނެކަމުގެ ޔަގީންކަން ޝުޖާޢު ވަނީ ދެއްވާފައެވެ. މުޅި ޕާޓީގެ އަމާޒު މިހާރު ހުރީ އޮކްޓޫބަރު މަހަށް ތާވަލުކުރެވިފައިވާ ކޮންގްރެސް ކާމިޔާބުކަމާ އެކު ބޭއްވުމަށްކަން އޭނާގެ ޕޯސްޓުގައި އިތުރަށް އަލިއަޅުއްވާލެއްވިއެވެ.

Leave a Reply