ތ. ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތާރުއެޅުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ރަސްމީކޮށް ފަށައިފިއެވެ.

ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 70 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ދަށުން އެރަށުގެ މައިގަނޑު 10 މަގެއްގައި ތާރުއެޅުމަށް ވަނީ ނިންމާފައެވެ. މިއީ ޖުމްލަ 2.87 ކިލޯމީޓަރުގެ ދިގުމިނުގެ މަގުގެ ސަރަޙައްދެކެވެ. އާރްޑީސީއާ ހަވާލުކޮށްފައިވާ މި މަސައްކަތް، އެއްބަސްވުމުގައިވާ ގޮތުގެ މަތިން 730 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމަން ޖެހެއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާއިތުވި އަހަރު ގުރައިދުއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ފައްޓަވައިދެއްވި މަޝްރޫޢެކެވެ. އޮގަސްޓް 7، 2025 ގައި ކޮންޓްރެކްޓްގައި ސޮއިކުރެވިފައިވާ މި މަސައްކަތް ނިމުމަކަށް އައުމާ އެކު، ވިއްސާރަ މޫސުމުގައި އެރަށުގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް އުފުލަންޖެހިފައިވާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމުގެ ޔަޤީންކަން އާރްޑީސީން ދެއެވެ. އަދި ރައްޔިތުންނަށް ދަތިނުވާނެހެން މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާނެކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މަގުހެދުމުގެ އަމަލީ މަސައްކަތްތަކުގެ ތެރޭގައި ފެން ހިންދާނެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމާއި، ހިނގާ މީހުންނަށް ޚާއްސަ ދުވާރު ހެދުމުގެ އިތުރުން ޔުޓިލިޓީ ނެޓްވޯކްތައް އައު މަގުގެ ލެވެލްއާ އެއްވަރުކުރުން ހިމެނެއެވެ. ހަމައެހެންމެ، މަގުތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި، ޓްރެފިކް ނިޝާންތައް ކުރެހުމާއި، ގަސް އިންދާނެ ވަޅުތައް ތައްޔާރުކުރުމާއި އެގްރިގޭޓް ބޭސް ކޯސް އެޅުމަށް ފަހު ތާރުއެޅުން އަދި މަގުބައްތި ހަރުކުރުން ވެސް ކުރިއަށްދާނެއެވެ.

Leave a Reply