މިއުޒިކްގެ ފުރުސަތުތައް މަނާކޮށްގެން ނުވާނެ ކަމަށާއި ޒުވާނުންނަށް މިއުޒިކް އަޑުއެހުމުގެ މިނިވަންކަން ލިބެންޖެހޭނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާގެ މަޝްހޫރު މިއުޒިކް ބޭންޑެއް ކަމަށްވާ ‘ބިޔޯން އަގެއިން’ އިން މާލޭގައި ބާއްވަން އުޅުނު ޝޯއެއް ސަރުކާރުން ހުއްޓުވުމާ ގުޅިގެން، ކުރީގެ ރައީސް ނަޝީދު މިކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވާފައި ވަނީ ސޯޝަލް މީޑިއާ މަންސަ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަކީ އެންމެހާ ދިވެހި ރައްޔިތުންގެ ޤައުމު ކަމަށްވާއިރު، ޒުވާނުން ބޭނުންވާ ފަދަ ކަންކަން ކުރުމުގެ ޖާގަ ޤައުމުގައި އޮންނަންވާނެ ކަމަށާއި، މިއުޒިކް ކުޅުމާއި އަޑުއެހުން މަނާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ސުވިޑަންގެ ތާރީޚީ ބޭންޑް ‘އެބާ’ ގެ ލަވަތައް ހުށަހަޅައިދޭ، އޮސްޓްރޭލިއާގެ ޓްރިބިއުޓް ބޭންޑުގެ މެމްބަރުން ޝޯ ދިނުމަށް ރާއްޖެ އައިސް ތިއްބައި، ސޯޝަލް ސެންޓަރުގައި ބާއްވަން ތާވަލުކުރި މި ހަރަކާތް ސަރުކާރުން ވަނީ ކުއްލި ގޮތަކަށް ކެންސަލްކޮށްފައެވެ.

މި އިވެންޓް އިންތިޒާމުކުރި ކުންފުނިން ސްޕޮންސަރުން ހޯދައި، ގިނަ އަދަދެއްގެ ޓިކެޓް ވެސް ވިއްކާފައި ވަނިކޮށް ޝޯ ހުއްޓުވުމުން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Leave a Reply