
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފަރާތުން ފުވައްމުލަކު ސިޓީ އެއަރޕޯޓުގައި އައު އޭޓީއެމެއް ގާއިމުކޮށް، އެ ޚިދުމަތް އާންމުންނަށް ދޭން ފަށައިފިއެވެ.
ޤައުމީ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، އަލަށް ހުޅުވި މި ސެންޓަރާ އެކު ފުވައްމުލަކުގައި ބީއެމްއެލްއިން އޮޕަރޭޓުކުރާ އޭޓީއެމްތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ ހަތަރަކަށް އިތުރުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހި ރުފިޔާ ނެގުމާއި ޖަމާކުރުމަށް ޚާއްސަ ކުރެވިފައިވާ ތިން އޭޓީއެމްގެ އިތުރުން، އެމެރިކާ ޑޮލަރުގެ މުއާމަލާތްތަކަށް ޚާއްސަ އެއް އޭޓީއެމްއެވެ.
މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ވިއުގަ ގާއިމުކޮށް ޚިދުމަތްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ހަމައެހެންމެ، ރާއްޖޭގެ 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓައިގެން އެ ބޭންކުން އަންނަނީ ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި ޚިދުމަތް ފޯރުކޮށްދެމުންނެވެ.


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































