
ރާއްޖެ “ވޯލްޑް ސަސްޓެއިނަބަލް ޓްރެވަލް އެންޑް ހޮސްޕިޓާލިޓީ އެވޯޑްސް”ގެ އެންމެ ޝަރަފްވެރި އެއް އެވޯޑްކަމަށްވާ “ވޯލްޑްސް ލީޑިން ސަސްޓެއިނަބަލް ޑެސްޓިނޭޝަން 2026” ކެޓަގަރީއަށް ދިވެހިރާއްޖެ ވަނީ ނޮމިނޭޓްވެފައެވެ.
މިއާ އެކު، ރާއްޖެއަށް މި އެވޯޑް ކާމިޔާބުކޮށްދިނުމަށް ވޯޓުދެއްވުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން ވަނީ އާންމުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކުގެ ކިބައިން އިލްތިމާސްކޮށްފައެވެ.
މި ކެޓަގަރީއަށް ނޮމިނޭޓްވެފައިވާ މަންޒިލްތަކަށް ވޯޓު ދިނުމުގެ ފުރުސަތު 21 އޮކްޓޯބަރު 2026ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މި ނޮމިނޭޝަނަކީ ރާއްޖޭގެ ނާޒުކު ޤުދުރަތީ މާޙައުލު ޙިމާޔަތްކުރުމަށާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ދިވެހި މުޖުތަމަޢު ބާރުވެރިކުރުވައި، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެއް ކަމުގައި ވީއެމްސީން ފާހަގަކުރެއެވެ.
ފާއިތުވި އަހަރުތަކުގައި ވެސް ރާއްޖެއިން ވަނީ ފަތުރުވެރިކަމާ ގުޅޭ ޝަރަފުވެރި އެތައް އެވޯޑެއް ހާސިލުކޮށްފައެވެ. އޭގެ ތެރޭގައި ވިދިވިދިގެން ދެ އަހަރު ހާސިލްކުރި “އިންޑިއަން އޯޝަންސް ލީޑިންގ ގްރީން ޑެސްޓިނޭޝަން” އެވޯޑު ފާހަގަކޮށްލެވެއެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































