
ކަނޑުމަތީގެ ހާދިސާއެއްގައި ހަރަކާތްތެރިވި ފުލުހަކާ ސިފައިންގެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް 8 މީހުންނާ އެކު ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު 2026 އޯގަސްޓް 5ވަނަ ދުވަހުގެ ރޭ 23:22 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދޯނި ވަނީ މުދަލާ އެކު އަޑިއަށް ގޮސްފައެއެވެ. އަދި ދޯނީގައި ތިބި މީހުންގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވިފައިވާއިރު، ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ ބޭކަލެއްގެ އިތުރުން ދޯނީގެ ކެޕްޓަން ވެސް ގެއްލިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ދަނީ ކުރަމުންނެވެ.







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































