2028ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް އަންނައިރު ސަރުކާރުން ހިންގާ ގެދޮރުވެރިކުރުމުގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް އެއްކޮށް ނިންމަވައިލައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފާއިތުވި ސަރުކާރުތަކުން ފެށި އެއްވެސް މަޝްރޫޢެއް އެ ދައުރެއްގެ ތެރޭގައި ނިންމާލެވިފައި ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ އެ ސަގާފަތް ބަދަލުކުރެއްވުން ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފަށާފައިވާ އަދި އަލަށް ފަށަން ރާވާފައިވާ މަޝްރޫޢުތައް މި ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ މިންވަރަށް ތަރައްޤީކޮށް ނިންމަވާނެކަމަށް ވިދާޅުވިއެވެ. އަދި ބައެއް ރަށްރަށުގައި މިހާރު ކުރިއަށްދާ އަމަލީ މަސައްކަތްތައް އަންނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ބޯހިޔާވަހިކަމުގެ އައު މަޝްރޫޢުތައް ފެށުމަށްޓަކައި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތެރެއިން، ޚާއްޞަކޮށް ޗައިނާ އަދި އިންޑިއާ ސަރުކާރާ އެކު މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިނޭންސްކޮށްގެން ރާއްޖޭގެ 13 ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ އެޑްވާންސް ފައިސާ ހަމަޖެހި، އަމަލީ މަސައްކަތް ފެށުމުގެ ފަހު މަރުހަލާގައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަމަ އެ މޮޑެލްގެ ދަށުން މާލެ ސަރަހައްދުގައި، ބިންގާ އެޅިފައިވާ ހުޅުމާލެ އަދި ވިލިމާލޭގެ ފްލެޓްތަކުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެކަންވެސް އިޢުލާންކުރެއްވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތަކެއް އައު ފައިނޭންސިންގ މޮޑެލްތަކާ އެކު އަލުން ފައްޓަވާފައިވާކަން ބަޔާންކުރައްވަމުން ރައީސް ވަނީ، އަތޮޅުތެރޭގައި ހިންގޭ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ ކުޅުދުއްފުށީ ސިޓީގެ 400 ހައުސިންގ ޔުނިޓުގެ އެއްބަސްވުމުގައި މި ހަފްތާގެ ތެރޭގައި ސޮއިކުރެވޭނެކަން ހާމަކުރައްވާފައެވެ. ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ ވަޢުދުތައް ފުރިހަމަކޮށްދެއްވައި، ގެދޮރުވެރިކަމުގެ އިތުރު ފުރުޞަތުތައް މުސްތަޤުބަލުގައި ތަނަވަސްކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

Leave a Reply