
ރާއްޖެ ދަރުވާލުމުގެ މޭސްތިރި އަކީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު މިފަދައިން ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު އެމްޑީޕީ އިން ކުރިއަށް ގެންދިޔަ “ޑޮލަރެއް ނެތް” ޕެނަލް ޑިސްކަޝަންގައި ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައެވެ.
މިއަދު ސައީދު ވިދާޅުވީ އިގްތިސޯދީ ދަތިކަމުގެ ވާހަކަ ދެއްކެވުމުގެ އެއްވެސް ހައިސިއްޔަތެއް އަމީރުގެ ކިބައިގައި ނެތްކަމަށާއި ރާއްޖެ މިހިސާބަށް ވައްޓާލާފައި އެ އޮތީ އަމީރުގެ ޒިންމާގެ ތެރެއިން ކަމަށެވެ.
“ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފިނޭންސް މިނިސްޓަރު. އެމަނިކުފާނުގެ ޒިންމާގެ ތެރެއިން ރާއްޖެ މި ހިސާބަށް ވައްޓާލާފައި އެ އޮތީ. ދެން މިއަދު ހަމަ ތުރުކުރައްވަން ހުރި ގަމީސް އަނެއް ފަރާތަށް ބަދަލުކުރައްވައި އެހެން ޕޯޑިއަމެއްގައި އެ ވިދާޅުވަނީ. އެހެންވީމާ އަމީރަކީ އެންމެ ރަނގަޅު ބޭފުޅެއް ނޫން އެ ވާހަކަ ފުރަތަމަ ދައްކަވާކަށް،” ސައީދު ވިދާޅުވިއެވެ.
ހަމަ އެ ޕެނަލް ޑިސްކަޝަންގައި އަމީރުއާ އެކު އިންނެވި އިލްޔާސް ލަބީބަކީ، ފައިސާ ޗާޕުކުރުމާ ދެކޮޅަށް އޭރު އެންމެ ބާރަށް އަޑުއުފުއްލެވި އެއް ބޭފުޅާކަމަށާއި އޭރުގެ ސަރުކާރުން ފައިސާ ޗާޕުކުރަމުން ދިޔައިރު، އެކަމުގެ ނުރައްކަލާ ބެހޭގޮތުން އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި، އެމްއެމްއޭގެ އޭރުގެ ގަވަރުނަރު އަލީ ހާޝިމް ވެސް ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
“ފައިސާ ތިވަރަށް ޗާޕުކުރީމަ ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާ ނިކަމެތިވެއްޖެ ކަމަށާއި، ދުވަހަކު ވެސް ތިޔަވަރުގެ ގެއްލުމަކުން ސަލާމަތް ނުވާނެ ކަމަށް އޭރު އިލްޔާސް ލަބީބު ގެންދެވީ ވިދާޅުވަމުން. މި ޓޯޓަލް ޑިޒައިންގެ މޭސްތިރިއަކީ އަމީރު،” ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ވެރިކަމާއި ހަވާލުވީއިރު ރާއްޖޭގައި އޮތީ ވަރަށް “ބަނަ” އަދި “ނުރައްކާތެރި” ދަރަންޏެއް އޮތް އިގްތިސޯދެއް ކަމަށާއި، ފުރަތަމަ ދެ އަހަރު މަސައްކަތް ކުރަން ޖެހިފައި ވަނީ ވަރަށް ސަމާލުވެގެން ކަމަށެވެ.





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































