ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މިހާރު މަސައްކަތް ކުރަމުން އަންނަ ސެގްމަންޓުތަކުގެ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދަނީ 5 ސެގްމެންޓަކަށް ބަހާލައިގެންނެވެ.މިހާރު ކުރިއަށްދަނީ 2، 3 އަދި 4 ގެ މަސައްކަތް ކަމަށާއި މި ތިން ސެގްމެންޓުގެ ނަރުދަމާގެ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ. މިހާރު ކުރިއަށްދަނީ ޕޭމަންޓު ހެދުމާއި، ޔޫޓިލިޓީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި ފެނާއި ގުޅުން ހުރި ހޮޅިއާއި ކޭބަލް ވަޅުލުމާއި މުވާސަލާތީ އެކި ޚިދުމަތްތަކާ ގުޅުންހުރި ކޭބަލްތައް ވަޅުލުމުގެ މަސައްކަތްތަކުގެ އިތުރުން ފެން ހިންދާ ނިޒާމާއި ގުޅުން ހުރި މަސައްކަތްތަކެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ:

  • މިހަފްތާގެ ތެރޭގައި އެއްގަމު ތޮށީގެ 130 މީޓަރުގެ ސަރަޙައްދެއްގެ ކެޕިންގ މަސައްކަތް ނިމިގެންދާނެކަމަށް.
  • ފެންހިންދުމަށް ޤާއިމުކުރާ ސްޓޯމްވޯޓަރ ޕަމްޕް ސްޓޭޝަންގެ މަސައްކަތާއި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިމަހުގެ 2ވަނަ ހަފްތާގައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް.

މިއާ އެކު މި މަޝްރޫއުގެ 75 އިންސައްތަ ނިމޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ތާރު އަޅައިގެން ތަރައްގީކޮށް 737 މީޓަރުގެ ޝީޓް ޕައިލިން އާއި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއުގެ ފުރަތަމަ ފޭސްގެ ދަށުން ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން އިއްޒުއްދީން ފާލަން ކައިރިއަށް ހަތަރު ލޭނަށް ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް ޑިސެންބަރު 2025ގައި ނިމި ޢާންމުންނަށް ހުޅުވައިލައިފައިވެއެވެ. ދެވަނަ ފޭސްގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ދެމެދު 250 މީޓަރުގެ ބައި ފެބްރުއަރީ 2026 ގައި ނިމި ހުޅުވައިފައިވެއެވެ.

މި މަޝްރޫއު ނިމިގެންދާއިރު 500އަށް ވުރެ ގިނަ ސައިކަލު ޕާކު ކުރެވޭ ޕާކިންއެއް ބޭންކް އޮފް ސިލޯން ކުރިމަތިން ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތަށް ބޭނުންވާ ބިން މިހާރު ވަނީ ހިއްކާފައެވެ.

މި މަޝްރޫއުއަކީ 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

Leave a Reply