
އަރިއަތޮޅު ދެކުނުބުރީގެ ދިރުންތަކާއި ގުދުރަތީ ވަސީލަތްތައް މެނޭޖުކުރުމާ ގުޅޭ މަޝްރޫއެއް އެކުލަވައިލުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫއެންއީޕީ)ގުޅިގެން އެ އަތޮޅުގެ ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފިއެވެ.
މި މަޝްވަރާތަކަކީ “ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް ފަންޑް”އަށް ހުށަހެޅުމަށް ތައްޔާރުކުރާ ޕްރޮޕޯސަލް ފައިނަލް ކުރުމަށްޓަކައި ބާއްވާ ބައްދަލުވުންތަކެކެވެ. މި މަސައްކަތް ކުރިއަށް ދަނީ މި މާޗް މަހުގެ 20އިން 23ގެ ނިޔަލަށެވެ.
މި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ވަނީ މާމިގިލި، ފެންފުށި، ދިގުރަށް އަދި ދިއްދޫގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކޮށްފައެވެ
މި ބައްދަލުވުންތަކުގެ މައިގަނޑު މަގްސަދަކީ ދެކުނު އަރިއަތޮޅުގެ ދިރުންތަކާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމާއި، އެކަމުގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. އަދި މި މަޝްރޫއުގެ ދަށުން ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ކުރިއަށް ގެންދާނެ ހަރަކާތްތައް ކަނޑައެޅުމުގައި ރަށު ކައުންސިލްތަކާއި އާންމު ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަކީވެސް މި ބައްދަލުވުންތަކުގެ ބޭނުމެކެވެ.
މި މަޝްރޫއު އެކުލަވައިލުމުގައި އިސްކަންދެނީ ދެކުނު އަރިއަތޮޅުގެ މުއްސަނދި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި މުޖުތަމައުގެ ދައުރު ފުޅާކުރުމަށެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































