ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ދިވެހި އުމްރާވެރިންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ބިރެއް ނެތްކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ސައުދީގެ ވައިގެ ބަނދަރުތަކަށާއި އެހެނިހެން ސަރަހައްދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ އެކު ވެސް، އުމްރާގެ އަޅުކަމަށް ދާ ފަރާތްތަކުގެ ސަލާމަތާ މެދު ސައުދީ ސަރުކާރުން އެއްވެސް އިންޒާރެއް މިހާތަނަށް ދީފައިނުވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް އަމަލުކުރާނީ ސައުދީގެ ރަސްމީ އިދާރާތަކުން ނެރޭ އިރުޝާދުތަކާއި ބަޔާންތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސައުދީ އަރަބިއްޔާއަށް ދެވޭ ކޮންމެ ހަމަލާއަކީ މުޅި އިސްލާމީ އުންމަތަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވަމުން، ޑރ. ޝަހީމް ވަނީ މާތްވެގެންވާ ދެ ހަރަމްފުޅާއި ސައުދީގެ ރައްކާތެރިކަމަށް އެދި ހެޔޮ ދުއާކުރުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އުމްރާވެރިންނަށް އެއްވެސް ދަތިކަމެއް ނާންނާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް މައުލޫމާތު ދެއްވި ގޮތުގައި، އެ ކުންފުނީގެ ހަވާލުގައި މިވަގުތު އެއްވެސް އުމްރާވެރިއަކު ސައުދީގައި ނެތެވެ. މީގެ އިތުރުން، އެ ކޯޕަރޭޝަނުން ދަތުރުތައް ރާވާފައި ވަނީ އާންމުކޮށް ބޭނުންކުރާ މަގުތަކާ ތަފާތު ރާސްތާތަކަކުން ކަމަށާއި، ކޮންމެ ހާލަތެއްގައި ވެސް ކަންކަން ނިންމާނީ ދިވެހި ސަރުކާރުގެ ލަފަޔާއި އިރުޝާދުގެ މަތިންކަމަށް ފިރުޒުލް ވިދާޅުވިއެވެ.

Leave a Reply