އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއާއެކު ދިވެހީންގެ ތެރޭގައި ނެތެމުންދާ ރިވެތި ސިފަތައް އަށަގެނެވި، އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެ އަޅާލާ މުޖުތަމަޢެއް ބިނާކުރެވިގެންދާނެކަަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަަވަމުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ ދިވެހިންގެ ތެރޭގައި ކުރިން އޮތް ރިވެތި ސިފަތައް ޒަމާނާއެކު އެކި ސަބަބުތަކާހެދި ބަދަލުވެގެންއައިސްފައިވާ ކަމަށެވެ. އެގޮތުން ދިވެހިންގެ މުޖުތަމައުއަށް އައިސްފައިވާ ބަދަލުތަކަކީ ޓެކްނޮލޮޖީގެ ގޮތުންނާއި، އިގުތިސާދީ ގޮތުން އައި ބަދަލުތަކާއި އިޖްތިމާއީގޮތުން ކުރިމަތިވި ބައެއް ކަންތައްތަކާއި، ސިޔާސީ ގޮތުން އުފެދިގެން އައި އޮއިވަރުތަކާއިއެކު އައިސްފައިވާ ބަދަލުތަށްކަމަށް ހީނާ ވިދާޅުވިއެވެ.

އެ ބަދަލުތަކުގެތެރޭގައި ދިވެހިންގެތެރޭގައި އޮތް އެކުވެރިކަމުގެ ރޫހާއި، އިޖްތިމާއީ ފޭރާން ގެއްލި ޒުވާނުންނާއި މުޖުތަމައުގައި ބައިބައިވުން އުފެދި އެއްބަޔަކު އަނެއްބަޔަކު އޭރު އުޅެމުން އައި ހިތްހަމަޖެހޭ އެކުވެރި މާހައުލެއް ނެތިގެންދާކަމީ ކަންބޮޑުވުމެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި މުޖުތަމައުގެ ތެރޭގައި މިފަދަ އޮއިވަރެއް އޮތްކަމަށްވިޔަސް ދިވެހިންނަކީ ޒަމާނުއްސުރެން އިހްތިތާމްއަދާކުރުމާ އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެ އަޅާލުމުގެ ރިވެތި ސިފަ ތައް ގެންގުޅުނު ބައެއްކަން ހަނދާންކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން “އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު”އަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމެއްގެ މަތިން، ދިވެހިންގެ މެދުގައި އޮތް އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ ރިވެތި އާދަކާދަތައް އަލުން އިއާދަކޮށް ދިރުވައިއާލާކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށްް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މިިމަޝްރޫއުގެ ޝިއާރަކީ “އިހުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ”އެވެ.

Leave a Reply