
ހުޅުމާލެ ފޭސް 1 ގައި ހުންނަ އެޕޯލޯ ކްރިސްޓަލް ބިލްޑިންގގެ އެޕާޓްމަންޓެގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މި އިމާރާތުން ދުން އަރަމުންދާ ކަމުގެ މައުލޫމާތު 2026 ޖުލައި 25ވަނަ ދުވަހުގެ 13:57 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، ދުން އަރަމުންދަނީ އެ އިމާރާތުގެ 8ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކުން ކަމަށާއި އާންމުންގެ އެހީތެރިކަމާ އެކު އެ އެޕާޓްމަންޓުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެތަނުގައި ރޯވެފައި ހުރި އަލިފާން ވަނީ ނިއްވާލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާ ހިނގި ވަގުތު އެޕާޓްމަންޓުގައި އެއްވެސް މީހަކު ނެތް ކަމަށާއި އަލިފާން ރޯވެފައި ވަނީ އެ އެޕާޓުމަންޓުގެ ބެލްކަނީގައި ހުރި ލަކުޑި ތަކެއްގައި ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































