
ހަރުދަނާ ޝަޚުސިއްޔަތަކަށް މީހާ ވަނީ އިލްމާ ހުނަރު ބޭނުންކުރާ ގޮތެއްގެ މަތީން ކަމުގައި ހެރިޓޭޖް މިިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ގައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔުނިއަނުން، އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ކުރިއަށްދާ އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި އައްޝައިހު ހުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ބަހުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ، މިފަދަ މުބާރާތްތަކުން ދަރިވަރުގެ ކިބައިގައި އަށަގަންނުވައިދެނީ ޝަހުސިއްޔަތެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފަތަކެއްކަމަށާއި އަދި ދަރިވަރުންގެ އަމިއްލަ ނަފުސުގެ ސާބިތުކަން ދަމަހައްޓަން ވެސް ދަސްކޮށްދެވޭ ކަމަށެވެ.
ތެދުވެރިކަމުގެ މާތް ސިފައާއި ސާފު ތެދު މައުލޫމާތާއި އިލްމީ ބުރަދަން ހުރި ވާހަކަތަކަށް ލޯބިކުރުން ފަދަ އެތައް ކަމެއް ދަރިވަރުންގެ ކިބައިގައި އަށަގަނެގެން ދިއުމުގެ އިތުރުން މިފަދަ މުބާރާތްތަކުގެ ސަބަބުން ގައުމުގެ މުސްތަގުބަލު އުޖާލާވެ ހަރުދަނާ ދިވެހި ދަރީންތަކެއް އުފެދިގެންދާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ބަދަލުވަމުންދާ މި ދުނިޔެއަށް އަޅުގަނޑުމެންގެ ދަރީން ތަރުބިއްޔަތު ކުރަން ޖެހޭއިރު، އެ ބަދަލުތަކުގައި އުމުރުގެ ބޮޑުބައި ހޭދަކުރަނީ އެ ކުދީންނާއެކުކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއާއެކު ދިރިއުޅުމުގެ އުސޫލުތަކަށް ބަދަލުއައިކަމުގައި ވިޔަސް، ތަފާތުވުންތަކާ ކުރިމަތިލާން ދަސްކޮށްދިނުމުގެ ހުނަރަކީ މިއަދުގެ މުޖްތަމައުގައި ވަކީން ހާއްސަ ގޮތެއްގައި ބޭނުންތެރި ކަމެއް ކަމަށެވެ.









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































