
ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ އޭނާގެ މަންމަގެ އިތުރު ޓެސްޓުތަކާއި ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މުޙައްމަދު މުސްޠަފާ ދިވެހި ރައްޔިތުންގެ ކިބައިން މިއަދު އެދިއްޖެއެވެ.
“ދެން”އާ ވާހަކަ ދައްކަމުން ރ.އިނގުރައިދުއަށް ނިސްބަތްވާ ޚާއްޞައަށް ބޭނުންވާ ރައްޔިތެއްކަމަށްވާ މުސްތޮ ބުނީ ފާއިތުވި އަށް މަސްދުވަހުގެ ތެރޭގައި ކީމޯތެރަޕީގެ ސެޝަންތައް ނެގުމަށް ކޮންމެ މަހަކު އެ އާއިލާއިން މާލެއަށް ދަތުރުކުރި ނަމަވެސް، މިހާރު ޑޮކްޓަރުން ވަނީ ލަސްނުކޮށް ރާއްޖެއިން ބޭރަށް ގޮސް މުހިންމު ޓެސްޓުތަކެއް ހެދުމަށާއި، އިތުރު ފަރުވާ ހޯދުމަށް އިރުޝާދު ދެއްވައިފައިވާ ކަމަށެވެ.
ދައުލަތުގެ ޞިއްޙީ އިންޝުއަރެންސް ނިޒާމު، އާސަންދައިގެ ދަށުން ބައެއް ކަންކަން ހަމަޖެހިފައިވީ ނަމަވެސް، ދިގުލައިދިޔަ ފަރުވާގެ ސަބަބުންނާއި މެދުނުކެނޑި ދިމާވަމުންދާ ހުރަސްތަކާ ގުޅިގެން އާއިލާއަށް ވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިކަމަށާއި އެހެންކަމުން ބޭސްފަރުވާއާއި، ދަތުރުފަތުރާއި، ހުރުމުގެ އިތުރުން ކެއިންބުއިމުގެ ޚަރަދުތައް ހަމަޖެއްސޭނެ އެއްވެސް ގޮތެއް ނެތުމާ އެކު، އެ އާއިލާއިން އާންމުންގެ ދީލަތި އެހީތެރިކަމަށް ނުހަނު ބޮޑަށް ބޭނުންވާ ކަމަށް މުސްތޮ ބުންޏެވެ.
މިހާތަނަށް ހެޔޮއެދޭ ފަރާތްތަކުން ވެދެއްވި އެހީތެރިކަމަށާއި ކުރެއްވި ދުޢާތަކަށް މުސްތޮ ވަނީ ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފަފައެވެ. އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން މުޙައްމަދު މުސްޠަފާގެ މޯލްޑިވްސް އިސްލާމިކް ބޭންކް އެކައުންޓް (ރުފިޔާ: 90403100781511000 / ޑޮލަރު: 90101100781512000)ނުވަތަ ބޭންކް އޮފް މޯލްޑިވްސް އެކައުންޓަށް (ރުފިޔާ: 7717333211101 / ޑޮލަރު: 7730000248258)ފައިސާ ޖަމާކޮށްދެއްވުން އެދެއެވެ.





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































