މިދިޔަ އޭޕްރީލް މަހު ޒަކާތު ފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭސްފަރުވާ އަށް ކަމަށް ޒަކާތް ހައުސް އިން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ޒަކާތު ހައުސް އިން މައުލޫމާތު ދިންގޮތުގައި 2026 ވަނަ އަހަރުގެ އޭޕްރީލް މަހު މުދަލުޒަކާތުގެ ގޮތުގައި ޖުމްލަ 5,434,893 ދިވެހި ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 53.8 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިއީ 8.9 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ޒަކާތު ފަންޑުން ކޮށްފައިވާ ހޭޭދަތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން މި އަހަރުގެ އޭޕްރީލް މަހު ޖުމްލަ 3,811,259.91 ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ޒަކާތު ފަންޑުން ހޭދަކޮށްފައިވަނީ 2,828,118.28 ރުފިޔާ އާ އަޅާ ބަލާއިރު މި އަހަރުގެ އޭޕްރީލް މަހު ކޮށްފައިވާ ހޭދަ އަކީ 34.8 އިންސައްތަ އިތުރު އަދަދެކެވެ.

މި މާލީ ހިސާބުތައް ދައްކާ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާ މިސްކީނުންގެ ބައިން ބޭސްފަރުވާގެ އެހީއަށް ކުރި ހޭދަ އަށެވެ. މިދިޔަ މަހު ޒަކާތު ފަންޑުން ހޭދަކޮށްފައިވަނީ  1,266,508.39 ރުފިޔާ އެވެ. 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭސްފަރުވާގެ އެހީއަށް ހޭދަކޮށްފައިވަނީ 1,136,897.99 ރުފިޔާ އެވެ. ފަގީރުންނާ މިސްކީނުގެ ބައިން ޒަރޫރީ ބޭނުންތަކަށް ނިމުނު އޭޕްރީލް މަހު ހޭދަކޮށްފައިވަނީ 182,731 ރުފިޔާ އެވެ. 2025 ވަނަ އަހަރުގެ އޭޕްރީލްމަހު ޒަރޫރީ ބޭނުންތަކަށް ހޭދަކޮށްފައިވަނީ 42,500 ރުފިޔާ އެވެ.

ހަމަ އެ މާލީ ހިސާބުތަކުން ދައްކާގޮތުގައި ފީސަބީލިﷲ މަޝްރޫއުތަކަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. އެގޮތުން މި އަހަރުގެ އޭޕްރީލް މަހު މި ދާއިރާއަށް ހޭދަކޮށްފައިވަނީ 2,167,016.73 ރުފިޔާއެވެ. 2025 ވަނަ އަހަރުގެ އޭޕްރީލް މަހު މި ދާއިރާ އަށް ހޭދަކޮށްފައިވަނީ 1,103,590.47 ރުފިޔާ އެވެ. މި ދާއިރާގައި މައިގަނޑުގޮތެއްގައި ހަރަދުކޮށްފައިވަނީ މަތީ ތައުލީމް ފުރިހަމަ ކުރުމަށް، ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމްތައް، ޤުރުއާނުގެ އިލްމު ފެތުރުމުގެ އިތުރުން އަތޮޅު ތެރޭގައި ޤުރުއާން ސެންޓަރުތައް ބިނާކުރުމަށެވެ. މަތީ ތައުލީމު ފުރިހަމަކުރުމަށް އެހީ ގެ ގޮތުގައި 290,274.76 ރުފިޔާ ހަރަދުކޮށްފައިވާއިރު ހާޒިޒުން އުފެއްދުމުގެ ޕްރޮގްރާމް ތަކާއި ޤުރުއާނުގެ އިލްމު ފެތުރުމަށް 1,093,749.47 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި އަތޮޅުތެރޭގައި ގުރުއާން ސެންޓަރުތައް ބިނާކުރުމަށް 782,992.50 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ޒަކާތު ފަންޑުގެ އިބްނުއްސަބީލް ގެ ބައިން މި އަހަރުގެ އޭޕްރީލް މަހު އެއްވެސް ހަރަދެއްކޮށްފައެއް ނުވެ އެވެ. 2025 ވަނަ އަހަރުގެ އެޕްރީލު މަހު 62,052 ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މި މާލީ ހިސާބުތަކުން ދައްކާގޮތުގައި ޒަކާތުގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ހޭދަތައް ހިމެނޭ “ޢާމިލުން”ގެ ބައިން ކުރި ހޭދަ ވަނީ ބޮޑުތަނުން ދަށްވެފައެވެ. މި އަހަރުގެ އޭޕްރީލް މަހު ހަރަދުވީ 195,003.79 ރުފިޔާ އެވެ. 2025 ވަނަ އަހަރުގެ އޭޕްރީލް މަހު މި ބައިން 483,077.82 ހޭދަކުރި ރުފިޔާ އާ އަޅާބަލާއިރު މި އަހަރުގެ އޭޕްރީލް މަހު މި ބައިން ކުރި ހޭދަ ވަނީ 60 އިންސައްތަ އިތުރުވެފަ އެވެ.

Leave a Reply