
ކަނޑުމަގުން ރާއްޖެއަށް މުދާ ގެންނަ ބޯޓެއްގެ ތެރޭގައި ފޮރުވައިގެން، ގާނޫނާ ހިލާފަށް އެތެރެކުރަން އުޅުނު ހަ ހާހަށްވުރެ ގިނަ ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
އާންމު މުދަލުގެ ގޮތުގައި ލިޔެކިޔުންތައް ހުށަހަޅާފައިވާ މި ޝިޕްމަންޓު ކަސްޓަމްސްގެ އޮފިސަރުން ބަލައި ފާސްކޮށްފައި ވަނީ، އޭގައި މަނާތަކެތި ހުރިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. މިގޮތުން ކުރިއަށްގެންދިޔަ ތަފްސީލީ ފާސްކުރުމުގެ ތެރެއިން، ޖުމްލަ 6،328 ވޭޕް ކާޓްރިޖް ފެނިފައިވާއިރު، އެ އިދާރާއިން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، ޖޫން 20 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި،ޚާއްސަ އޮޕަރޭޝަނެއް ވަނީ ހިންގިފައި. pic.twitter.com/zNe0UjnGBB
— Maldives Customs Service (@CustomsMv) June 21, 2026
ރާއްޖޭގައި އީ-ސިނގިރޭޓާއި ވޭޕް ބޭނުންކުރުމާއި އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައި، މިފަދަ ތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ވަނީ ފާރަވެރިކަން އިތުރުކޮށްފައެވެ. އެގޮތުން، މި ހިނގާ މަހުގެ 18ވަނަ ދުވަހުވެސް ވަނީ ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު 15،601 ވޭޕް އަތުލައިގަނެފައެވެ. މިއީ ސަރުކާރުގެ މަނާކުރުމުގެ ސިޔާސަތަށް އަމަލުކުރަން ފެށިފަހުން މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓުކަން ކަސްޓަމްސްއިން ފާހަގަކުރައްވައެވެ.




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































