މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ސިނަމާލެ ބުރިޖު މަތިން ކަނޑަށް ފުންމާލި ބިދޭސީ މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ބިދޭސީ މީހާ ސަލާމަތްކުރީ ބުރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ. އަދި އޭގެ ފަހުން އެމްއެންޑީއެފްއިން އޭނާ ފުލުހުންނާ ހަވާލުކުރިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އޭނާ މިވަގުތު ހުރީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

ނަމަވެސް އަމިއްލަ ނަފްސަށް ގެއްލުންދޭން އުޅުނު މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާ ފަސް ދުވަހަށް ބަންދުކުރަން ވެސް ވަނީ އަމުރުކޮށްފައެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އެ ބިދޭސީ މީހާގެ ބަންދު މަޖިލިސް ކުރިއަށް ގެންދިޔައީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގަވައިދުގެ ފަސްވަނަ ވަނަ މާއްދާގެ ދަށުންނެވެ.

އެ މާއްދާގައި ބުނެފައިވާ ގޮތުން ހޮސްޕިޓަލެއްގެ ނުވަތަ ސިއްހީ ފަރުވާދޭ މަރުކަޒެއްގައި އެޑްމިޓްކޮށްފައިވާ މީހަކު އެމީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރަންޖެހިއްޖެނަމަ، އެމީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުށަހަޅަންވާނީ އެކަން އެނގޭނެ ލިޔުމާއެކުގައެވެ. އަދި އެ މައުލޫމާތު ކޯޓަށް ހުށަހެޅުމުން، އެކަންކަމުގެ މައްޗަށް ބަލައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ނުވަތަ އޭނާގެ ވަކީލުގެ ހާޒިރުގައި ނުވަތަ ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ބަލައި، އެމީހާ ކޯޓަށް ހާޒިރުނުކޮށް އެމީހާގެ ބަންދާމެދު ކޯޓުން ގޮތެއް ނިންމަންވާނެއެވެ.

ބަންދު އަމުުރުގައި ބުނެފައިވާ ގޮތުން އެ މީހާއަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ މީހެކެވެ.

Leave a Reply