ސިޔާސީ އަދި އިސް މަޤާމުތަކަށް އަންހެނުން ނެރުމަށް އދ. މަހިބަދޫގައި ތަމްރީނުތަކެއް ފަށައިފިއެވެ.

މިއީ ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޚާއްޞަ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެކެވެ.

މިމަހުގެ 21 ފެށިގެން 23ވަނަ ދުވަހުގެ ނިޔަލަށް ހިންގާ މި ހަރަކާތަކީ، ދައުލަތުގެ އިސް ސަފުގައާއި ސިޔާސީ ގޮތުން ނިންމުންތައް ނިންމުމުގައި ކަނބަލުންގެ ދައުރު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅު ޙާޞިލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. މިކަމުގެ ސަބަބުން ޤައުމަށް ފައިދާކުރަނިވި އައު ލީޑަރުންތަކެއް އުފެދިގެންދާނެ ކަމަށް އެ ވުޒާރާއިން އުންމީދުކުރެއެވެ.

މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭނެ ބައިތަކުގެ ތެރޭގައި، ލީޑަރޝިޕްގެ ހުނަރުތައް ތަރައްޤީކުރުމާއި، މުއާމަލާތްކުރުމާއި މަޝްވަރާކުރުމުގެ އުކުޅުތައް ހިމެނެއެވެ. އޭގެ އިތުރުން، ލާމަރުކަޒީ ނިޒާމާއި، ހިންގުމުގެ ދާއިރާއާއި، މިންތީގެ ހަމަހަމަކަމާ ގުޅޭގޮތުން ބައިވެރިންނަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދެވޭނެއެވެ. ހަމައެއާ އެކު، އިސްލާމީ އުންމަތުގެ ތާރީޚުން ފެންނަން ހުރި ފާހަގަކޮށްލެވޭ އަންހެން ޝަޚްޞިއްޔަތުތަކުގެ ވާހަކަތަކާއި، ޒަމާނާ އެކު މުޖުތަމަޢުގައި އަންހެނުންގެ ދައުރަށް އަންނަމުންދާ ހެޔޮ ބަދަލުތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ އަންހެނުން ސިޔާސީ އަދި އިޖުތިމާޢީ ގޮތުން ކުރިއެރުވުމަށް ސަރުކާރުން ފަށާފައިވާ މި ސިލްސިލާގެ ދަށުން ބާއްވާ ހަތަރުވަނަ ތަމްރީނު ޕްރޮގްރާމެވެ. ކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މީގެ ކުރިން މި ޕްރޮގްރާމް ވަނީ ހއ. ދިއްދޫގެ އިތުރުން ރާއްޖޭގެ ދެކުނުން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ވެސް ކާމިޔާބުކަމާ އެކު ފުރިހަމަކޮށްފައެވެ.

Leave a Reply