
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރ. ފުށްގިރީގައި ޓަވަރަކުން ވެއްޓުނު ބިދޭސީއަކަށް ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިއަދު ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް ކަމަށާއި ވެއްޓުނީ ބަނގުލަދޭޝްއަށް ނިސްބަތްވާ 25އަހަރުގެ ފިރިހެނެއް ކަމަށެވެ.
އަދި މިހާރު ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި ބިދޭސީ މީހާއަށް ލިބުނު ގެއްލުން ސާފެއް ނުވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































