
ފަލަސްޠީނުގެ ބިންތައް ފޭރިގަނެ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އެއްވެސް ފިޔަވަޅެއް ނޭޅި ސަލާމަތްވުމަށް އޮންނަ މަގުތައް ބަންދުކޮށް، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން އެފަރާތްތައް ޖަވާބުދާރީކުރުވުމަށް ދިވެހިރާއްޖެއިން މިއަދު ގޮވާލައިފިއެވެ.
އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ފަރާތުން މި ކަންބޮޑުވުންތައް ފާޅުކުރެއްވީ، ސްވިޓްޒަލޭންޑުގެ ޖެނީވާގައި ހުންނަ އދ. ގެ މައި މަރުކަޒަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު ޑރ. ސަލްމާ ރަޝީދެވެ. އެކަމަނާގެ ތަޤުރީރުގައި، ފަލަސްޠީނުގެ އާންމުންނާއި މުދަލަށް އަމާޒުކޮށް ޔަހޫދީ އިސްތިޢުމާރީ ބާރުތަކުން ހިންގަމުންދާ ޢުދުވާނީ ޙަރަކާތްތަކާއި، ބައިނަލްއަޤްވާމީ އިންސާނީ އެހީތަކަށް ހުރަސްއަޅަމުންދާ ދިއުން ވަރަށް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކުރައްވާފައެވެ.
މީގެ އިތުރުން، ފަލަސްޠީނުގެ އާންމު ރައްޔިތުންގެ ފުރާނައާއި މުދާ ޙިމާޔަތްކުރުމަށާއި، ދަތިކުރުމެއްނެތި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އެތެރެކުރެވޭނެ ނިޒާމެއް ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް އިލްތިމާސްކޮށްފައެވެ. އަދި އަމިއްލަ ވަޒަނުން ގަދަކަމުން މީހުން ނެރެލުމުގެ އަމަލުތައް ހުއްޓުވައި، ގެއްލުން ލިބެމުންދާ ފަރާތްތަކަށް އިންސާފުވެރި ބަދަލުތަކެއް ހޯދައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ވެސް ރާއްޖޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ އަމިއްލަ އިޚްތިޔާރުގެ ޙައްޤާއި މިނިވަންކަމަށް ފުރިހަމައަށް އިޙްތިރާމްކުރުމަށް ގޮވާލައްވަމުން، ޑރ. ސަލްމާ ވަނީ މި މައްސަލައަށް ދާއިމީ އަދި ސުލްޙަވެރި ނިމުމެއް ގެނެވޭނީ ޤާނޫނާ ޚިލާފަށް ޔަހޫދީން ފަލަސްޠީނުގައި ޤާއިމުކޮށްފައިވާ އިސްތިޢުމާރީ ވެރިކަން މުޅިން ނިމުމަކަށް ގެނެސްގެންކަން ތަކުރާރުކުރައްވާފައެވެ.


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































