ދިވެހި ސިފައިން ހަތިޔާރާއި ގޮވާތަކެތި ބޭނުންކޮށްގެން ކުރިއަށްގެންދާ ޚާއްޞަ އަސްކަރީ ފަރިތަކުރުންތަކެއް ރާއްޖޭގެ ތޭރަ ސަރަޙައްދެއްގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ފަށައިފިއެވެ.

މި ހަރަކާތްތަކުގައި ސިފައިން ފެންނާނީ ހަތިޔާރު އަޅައިގެން ތިބޭތީކަމަށާއި، ފަރިތަކުރުންތަކުގައި ބްލޭންކްސްގެ އިތުރުން ޕައިރޯޓެކްނިކްސް ބޭނުންކުރާނެކަމަށް ޤައުމީ ދިފާޢީ ބާރުން މަޢުލޫމާތުދެއެވެ. ނަމަވެސް، މި ތަކެތީގެ ސަބަބުން އެއްވެސް ރައްޔިތަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ނުލިބޭނެ ފަދަ ރައްކާތެރި ގޮތަކަށް އިންތިޒާމުތައް ހަމަޖެހިފައިވާކަމުގެ ޔަޤީންކަން އެ މުއައްސަސާއިން ވަނީ ދެއްވާފައެވެ.

މިފަހަރުގެ ތަމްރީނުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ލ. އަތޮޅުގެ ސަރަޙައްދުތަކަށެވެ. އެގޮތުން، ކައްދޫ، ފޮނަދޫ، މާންދޫ އަދި ބަރެސްދޫގެ އިތުރުން މުންޑޫއާއި މާބައިދޫގައި މި ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ގަމުގެ މުކުރިމަގު، މަތިމަރަދޫ އަދި ތުނޑީގެ އިތުރުން، ބޮކެފުށި، ކަޅައިދޫ، އުވަދެވިފުށި، މަހާކަންފުށި، ގަސްފިނޮޅު އަދި ބޮޑުފިނޮޅުގައި ވެސް ސިފައިން ހަރަކާތްތެރިވާނެކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

ސިފައިންގެ އޮޕަރޭޝަނަލް ޤާބިލުކަމާއި ތައްޔާރީ ހާލަތު އެންމެ މަތީ ފެންވަރުގައި ހިފެހެއްޓުމަށްޓަކައި، ކަނޑާއި އެއްގަމުގެ ތަފާތު ތަމްރީނުތައް މުޅި އަހަރަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ. އަދި ހަމައެހެންމެ، ރާއްޖެއިން ބޭރުގެ ޤައުމުތަކާ ގުޅިގެން ވެސް ދިވެހި ލަޝްކަރުގެ ފެންވަރު މަތިކުރުމަށް ގިނަގުނަ ޕްރޮގްރާމްތަކެއް އަންނަނީ ފުރިހަމަކުރަމުންނެވެ.

Leave a Reply