
ސަރުކާރުގެ ކުންފުނިތަކުގައި 42،000 އެއްހާ މުވައްޒަފުން އެބަ ތިބިކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދަރަންޏާއި އަދި މެދު އިރުމަތީގެ ހާލަޔު މިހާރު އޮތް ގޮތުން ސަރުކާރުން ދަނީ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދުވެސް މަދުކުރަން މިހާރު ވަނީ ނިންމައިފައެެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ 33 ޕަސެންޓް ވަޒީފާއިން ދޫކޮށްލަން ނިންމާފައި އޮތް ނަމަވެސް ބައެއް ކުންފުނިތަކުން އެ އަދަދަށް ވަކިކުރަން ނުޖެހިދާނެ ކަމަށެވެ.
އެގޮތުން އައިލެންޑް އޭވިއޭޝަން ފަދަ ކުންފުނިތަކުގައި އެ އަދަދަށް މީހުން ވަކިކޮށްފިނަމަ އެ ކުންފުނި ނުހިންގޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސަރުކާރުގެ ހުރިހާ ކުންފުނިތަކެއްގައި 42،000އެއްހާ މުވައްޒަފުން ތިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ދިމާޥެދާނެ ދަތިތަކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް މުވައްޒަފުން ވަކިކުރަން ވެސް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































