
ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގައި އަންހެނަކަށް އަނިޔާކުރި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ 22 ވަނަ ދުވަހުގެ ރޭގަނޑު 23:00 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާގައި ރެސްޓޯރަންޓުގައި އިން އަންހެނަކަށް ފިރިހެނަކު ހަމަލާދީފައިވާ ކަމަށާއި މި ހަމަނުޖެހުން ހުއްޓުވުމަށް މަސައްކަތް ކުރު ބަޔަކަށް ވެސް ހަމަލާދީފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މި ހާދިސާގައި ރެސްޓޯރެންޓްގެ ދޮރަށް ގެއްލުންދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މާރާމާރީގައި އެތަނުގެ އަންހެން މުވައްޒަފެއްގެ ބޮލަށް ހަމަލާދީފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބޯ ދުޅަވެ އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































