
ފުލުހަކަށް ހަމަލާ ދީ ބިރު ދެއްކި މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ކ. މާފުށި/ ގްރީން ޕާކު/ މުހައްމަދު ޝައިހާން (21އ)އެވެ.
އެ މައްސަލައިގައި ޝައިހާން ދޫކޮށްލުމަށް އެދުނު ނަމަވެސް ކޯޓުން ވަނީ އޭނާ 20ދުވަހަށް ބަންދުކުރަން އަމުުރުކޮށްފައެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ޝައިހާން ވަނީ ފުލުހެއްގެ ބޮލުގައާއި ގައިގައި ޖަހައިފައެވެ.
އެހެންވެ އޭނާގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރަން ހުރަސް އެޅުމާއި ޖެހުމާއި ބިރު ދެއްކުމުގެ ތުހުމަތެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އެ މައްސަލައިގައި އަނިޔާ ލިބުނު ފުލުސް މީހާގެ ބަޔާނާއި ސީނަށް ދިޔަ ފުލުހުންނަށް ލިބުނު އަނިޔާގެ ފޮޓޯ ހިމެނޭ ރިޕޯޓާއި އަނިޔާ ލިބުނު ފުލުހުންގެ މެޑިކަލް ލީގަލް ރެކޯޑްސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ.

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































