ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ ޑެބިޓް ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު މިހާތަނަށް ކަނޑަމުންދިޔަ ‘ކްރޮސް ބޯޑަރ’ ފީ މިރެއިން ފެށިގެން ނުނަގާ ގޮތަށް އެ ބޭންކުން ހަމަޖައްސައިފިއެވެ.

ގައުމީ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި ގެނެވުނު ބަދަލާ އެކު ބޭރުގައި ކިޔަވާ ކުދިންނަށް ދޫކޮށްފައިވާ 1،200 އެމެރިކާ ޑޮލަރުގެ ލިމިޓުގެ ބޭނުންކުރާއިރު އެއްވެސް އިތުރު ހަރަދަކާ ނުލައި ފައިސާ ނެގުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މިއީ އެކުދިންނާއި ބެލެނިވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ތަސައްލީއެއްކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

‘އޮޕްޝަނަލް އިޝުއަރ ފީ’ގެ ގޮތުގައި ވެސް ނަންދެވިފައިވާ މި ޗާޖަކީ، ކާޑު ގުޅިފައިވާ އެކައުންޓުގެ މައިގަނޑު ފައިސާ ނޫން އެހެން ފައިސާއަކުން ބައިނަލްއަގުވާމީ މާކެޓުގައި މުއާމަލާތްކުރާއިރު ނަގާ ފީއެކެވެ. މިއީ ބޭރުގެ ޕޭމަންޓް ނެޓްވޯކްތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ފުރިހަމަކުރުމަށް ހިނގާ ހަރަދުތައް ހަމަޖެއްސުމަށްޓަކައި މުއާމަލާތުގެ ޖުމްލަ އަދަދުން ކަނޑަމުން އައި އިންސައްތައެކެވެ.

ދުނިޔޭގެ އެހެނިހެން ބޮޑެތި މާލީ އިދާރާތަކުންވެސް ބައިނަލްއަގުވާމީ މުއާމަލާތްތަކަށް މިފަދަ ފީއެއް ނަގަމުންދެއެވެ. އަދި ބީއެމްއެލްއިން އެންމެ ފުރަތަމަ ކާޑުގެ ހިދުމަތް ތައާރަފުކުރި ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ވެސް، ދިވެހި ރުފިޔާ އެކައުންޓުތަކުން ބޭރު ފައިސާގެ މުއާމަލާތްކުރުމުންނާއި ރާއްޖެއިން ބޭރުން ނަގުދު ފައިސާ ނެގުމުން މި ފީ އައީ ނަގަމުންނެވެ.

Leave a Reply