
ތިނަދޫ ސިޓީގައި ބަނގުރާ އުފައްދައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ގދ. ތިނަދޫ / ރިހިކޮކާގެ، މުހައްމަދު އަފާޒު ބިން އަބްދުﷲ (21އ)އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި، އޭނާއާ ގުޅުންހުރިކަމަށް ބެެލެވޭ، ތިނަދޫ ފުލެޓެއް ބަލައިފާސްކުރިއިރު ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ތިންހަމާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ ފުޅިއެއް ފެނުނު ކަމަށެވެ.
މި މައްސަަލައާ ގުޅިގެން މުޙައްމަދު އަފާޒު ބިން ޢަބްދުﷲގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އަފާޒުއަކީ ބަނގުރަލުގެ ނެޓްވޯކްއެއްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހެކެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































