ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ފަރާތްޕުޅުން ދިވެހިރާއްޖެއަށް މި އަހަރު ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރު، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިއަދު އާންމުންނަށް ދޫކުރަން ފަށައިފިއެވެ.

މި މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް މި މަސައްކަތް ކުރިއަށްދާނެއެވެ. އެ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކަދުރު ދޫކުރާނީ އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ގޭގެ އެޑްރެހުގެ އިތުރުން ކަރަންޓު މީޓަރު ނަންބަރު ޗެކްކުރުމަށް ފަހުގައެވެ.

މާލެ ސަރަޙައްދުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރަށްރަށާއި ސިޓީތަކަށް ވެސް ކަދުރު ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ލޯކަލް ކައުންސިލްތައް މެދުވެރިކޮށް އަތޮޅުތެރެއަށް ކަދުރު ބަހާނީ ކޮންމެ ސަތޭކަ ގޭބިސީއަކަށް ފަންސާސް ޕެކެޓުގެ މަގުން، ކޮންމެ ގެއަކަށް ޕެކެޓެއް ލިބޭނެ އުޞޫލަކުންނެވެ. އަދި މިގޮތަށް ދޫކުރާނީ އެ ރަށަކަށް ކަނޑައަޅާފައިވާ ކޯޓާ ހުސްވަންދެން ކަމަށް ވެސް އެ ވުޒާރާއިން ބަޔާންކުރެއެވެ.

ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ތެރެއިން، ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ވޭތުވެދިޔަ 22 އަހަރު ދުވަހު މެދުކެނޑުމެއްނެތި ރާއްޖެއަށް ކަދުރު ހަދިޔާކުރަމުން އައިސްފައިވެއެވެ. މީގެ އިތުރުންވެސް، ސަޢުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރު 10 ޓަނުގެ ކަދުރު ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ.

Leave a Reply