2024ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަމިއްލަ އަންހެން ކޮއްކޮގެ ކަރުގައި ހިފައި މާރާމާރީ ހިންގި ދިވެހި ފިރިހެނެއްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް، 7،200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލީ އަނިޔާކުރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ކުރި ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން، ކްރިމިނަލް ކޯޓުން މި މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

ކޯޓުގެ ނިންމުމުގައިވާ ގޮތުން، އެ ފިރިހެން މީހާ ވަނީ ކޮއްކޮގެ ކަރުގައި ހިފައި ބިންމައްޗަށް ވައްޓާލުމުގެ އިތުރުން އިސްތަށިގަނޑަށް ދަމައި ބޮޑެތި އަނިޔާތަކެއް ދީފައެވެ. ކުށަށް އިއުތިރާފުވުމާ ގުޅިގެން ކޯޓުން އިއްވި ޖަލު ހުކުމް ފައިސާގެ ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމާ އެކު، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދައްކައި ޚަލާސްކުރުމަށް ކޯޓުން ވަނީ އަންގާފައެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތު ބަޔާންކުރާ ގޮތުގައި، މީހެއްގެ ހަށިގަނޑަށް ތަދުކުރުވުމާއި، ބައްޔެއް ޖެއްސުން ނުވަތަ ޖިސްމާނީ ގޮތުން އުނިކަމެއް ގެނައުމަކީ އަނިޔާ ދިނުމުގެ ކުށެވެ. މިއީ އާންމު ގޮތެއްގައި ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށްވާއިރު، މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ނަމަވެސް، ހަތިޔާރެއް ބޭނުންކޮށްގެން ނުވަތަ ނުރައްކާތެރި އަނިޔާއެއް ދީފިނަމަ އެ ކުށް ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައަށް ބަދަލުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅޭނެއެވެ.

Leave a Reply