
މާލެއިން ނ. މަނަދުއަށް ދިޔަ ކަނޑު ބޯޓަކުން ޑްރަގުތަކެއް އަތުލައިގެންފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި ތަކެތި އަތުލައިގެނެފައި ވަނީ މި ޖުލައި މަހުގެ 22ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި އެ އޮޕަރޭޝަނަކީ މާލެއާއި މަނަދޫއާ ދެމެދު ދަތުރުކުރާ ބޯޓަކުން މަނަދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
އެ އޮޕަރޭޝަނުގައި، އެ ބޯޓުން ބޭލި ފޮށިގަނޑެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 52.7 ގުރާމު ހުންނާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































