
މި އަހަރުގެ ދެވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފިއެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްއަކީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުގުވެރިވާ މީހުން ބިނާކުރުމަށްޓަކައި ފިޝަރީޒް މިނިސްޓްރީއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ހިންގާ ކޯހެކެވެ.
މި އަހަރު އެ ކޯސް ފުރަތަމަ ކުރިއަށް ގެންދިޔައީ މިދިޔަ ޖެނުއަރީ މަހުއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ކޯހުގެ ދެވަނަ ބުރު ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައި ފަށާފައިވާ ކަމަށާއި އެ ކޯސް މި މަހުގެ 20ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޕްރޮޖެކްޓެއްގެ ދަށުން ހިންގާ މި ކޯހުގެ ދަށުން ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތައާރަފުކޮށް ތަރައްގީ ކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ކުރިން މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް އަހަރަކު ދެފަހަރު ހިންގާ ގޮތަށް އޮތް ނަމަވެސް މިހާރު އެ ޕްރޮގްރާމް އަހަރަކު ހަތަރު ފަހަރު ހިންގަން ވަނީ ނިންމައިފައެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































