ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ހާއްސަ ދެ މަޖިލީހެއް އަންނަ ނޮވެމްބަރު މަހުގެ ކުރިން އެކުލަވާލައި ނިންމަވާނެކަން، މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އުފެއްދެވުމަށް މަސައްކަތްކުރައްވާ ދެ މަޖިލީހުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ. އެގޮތުން، “ހާއްސަ މަޝްވަރާ މަޖިލީހަކީ” ދައުލަތަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ އިއްޒަތްތެރިންނާއި ޝަރަފުވެރި އިސްރަށްވެހިންގެ ތަޖުރިބާގެ އަލީގައި ލަފާ ހޯއްދެވުމަށް އެކުލަވާލެވޭ މަޖިލީހެކެވެ. އަދި “ގައުމީ މަޖިލީހަކީ” ތަފާތު އެކި ދާއިރާތަކުން މަތީ ތައުލީމާއި ތަޖުރިބާ ހާސިލުކުރައްވައިގެން ތިއްބެވި ފަންނީ ބޭފުޅުންގެ މައްޗަށް އެކުލެވޭނެ މަޖިލީހެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ކަންކަން ރަނގަޅު މިސްރާބަށް ގެންދިއުމަށްޓަކައި މިފަދަ ބޭފުޅުންގެ ހިޔާލަކީ ވަރަށް މުހިންމު އެއްޗެއްކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މި ދެ މަޖިލިސް ވުޖޫދަށް އައިސް، ގައުމަށް ދިމާވާ އެކިއެކި މައްސަލަތަކުގައި އިލްމީ އަދި އަމަލީ ތަޖުރިބާގެ އަލީގައި މަޝްވަރާ ދިނުމުގެ ފުރުސަތު އެ ބޭފުޅުންނަށް ފަހިވެގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ޒުވާނުންނާއި އަންހެނުންގެ ދައުރު ގައުމު ހިންގުމުގައި ފުޅާކުރުމަށްޓަކައި، އިންތިހާބުކުރެވޭ މެންބަރުންގެ މައްޗަށް އެކުލެވޭ “ޒުވާނުންގެ މަޖިލީހެއް” ވެސް އުފައްދަވާނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. މި މަޖިލީހުގެ ސަބަބުން ގައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުވެގެންދާނެއެވެ.

ރައްޔިތުންނާ ގާތުން، އެމީހުންގެ އަޑުއައްހަވައިގެން ވެރިކަން ކުރެއްވުމަކީ ރައީސް ޑރ. މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން، ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ރައީސަކު ހުރިހާ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

Leave a Reply