
އދ. ގެ އާންމު މަޖިލީހުގެ 81ވަނަ ސެޝަންގެ ރައީސްގެ މަޤާމަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒް ހޫނު މަރުޙަބާއެއް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ އެކްސް މެދުވެރިކުރައްވައި ރައީސް އާންމުކުރެއްވި މެސެޖެއްގައި، މިއީ މުޅި ދެކުނު އޭޝިއާ ސަރަޙައްދަށާއި ބަންގްލަދޭޝްގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއްކަން ފާހަގަކުރެއްވިއެވެ. އަދި ޑރ. ޚަލީލުއްރަޙްމާންގެ ޒަޢާމަތުގެ ދަށުން، އދ. ގެ އާންމު މަޖިލީހަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މެންބަރު ޤައުމުތަކަށް ނުހަނު މަންފާކުރަނިވި މުހިންމު ޕްލެޓްފޯމަކަށް ވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Warm congratulations to His Excellency Dr Khalilur Rahman, Foreign Minister of Bangladesh, on his election as the President of the 81st session of the #UNGA. I wish you every success in this important role.
I am confident that under your able leadership, the General Assembly…
— Dr Mohamed Muizzu (@MMuizzu) June 2, 2026
ދުނިޔޭގެ 193 ޤައުމު ތަމްސީލުކުރާ އދ. ގެ އާންމު މަޖިލީހުގެ 81ވަނަ ދައުރުގެ ބައްދަލުވުންތައް ފެށުމަށް ތާވަލުކޮށްފައި ވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި ސިޔާސަތުތައް އެކަށައެޅުމުގެ އެންމެ އިސް ދައުރެއް އަދާކުރާ މި މަޖިލީހަކީ، ދުނިޔޭގެ އިޤުތިޞާދީ، އިޖުތިމާޢީ އަދި ސިޔާސީ މަސްރަޙާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ގޮތް ނިންމާ މައިގަނޑު މަންސައެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުމާއި، ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރުން ހޮވުމުގެ އިތުރުން ޖަމާޢަތުގެ ބަޖެޓު ފާސްކުރުމަކީ ވެސް އާންމު މަޖިލީހުގެ މުހިންމު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































