
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ތެރެއިން ނުދެއްކި އޮތް ބާކީ އެއް މިލިއަން ރުފިޔާ ދައުލަތަށް ދައްކަވައި، އެ ފައިސާ އެއްކޮށް ޚަލާޞްކުރެއްވުމާ ގުޅިގެން ސިވިލް ކޯޓުން އެ މައްސަލަ ނިންމައިފިއެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ބައި ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމާފައި ވަނީ، ޖޫރިމަނާގެ ފައިސާ އެއްކޮށް ދައްކަވައި ނިންމަވާފައިވާކަން ދައުލަތުގެ ފަރާތުން ކޯޓަށް ރަސްމީކޮށް އެންގުމާ ގުޅިގެންނެވެ. މިއާ އެކު، އަދީބުގެ މައްޗަށް އިއްވާފައިވާ ހުކުމްގެ މާލީ ބައި މިހާރު ވަނީ ފުރިހަމައަށް ތަންފީޒުކުރެވިފައެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ފަހުން ދެއްކެވި އެއް މިލިއަން ރުފިޔާ އަދީބު ދައްކަވާފައި ވަނީ ދެ ފަހަރެއްގެ މަތިންނެވެ. އެއީ 11 ސެޕްޓެމްބަރ 2025ގައި ދެއްކެވި 100،000 (އެއް ލައްކަ) ރުފިޔާ އަދި 13 އޯގަސްޓް 2026ގައި ދެއްކެވި 900،000 (ނުވަ ލައްކަ) ރުފިޔާއެވެ. މީގެ ކުރިން ޖޫރިމަނާގެ ފުރަތަމަ އެއް މިލިއަން ރުފިޔާ އޭނާ ވަނީ ދައްކަވާފައެވެ.
ދައުލަތާ އެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ހަތް ދައުވާއެއް އަދީބުގެ މައްޗަށް ސާބިތުވެ، އޭނާ 20 އަހަރަށް ޖަލަށް ލުމާ އެކު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކުރީ މީގެ ކުރިންނެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އަދީބަށް ވަނީ މައާފުދެއްވައި، އެ ޖަލު ހުކުމުން އޭނާ މިނިވަންކުރައްވާފައެވެ.



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































