
100 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން ހިމަންދޫގައި ކަރަންޓު އުފައްދަން ބޭރުގެ އެހީ ލިބިއްޖެއެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްދިޔަ “ލަންޑަން ކްލައިމެޓް ވީކް”ގެ ތެރެއިން ބޭއްވި “ކާބަންއެކްސް ޕްރޮގްރާމް 2.0″ގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދަކުން ވަނީ ބައިވެރިވެފައެވެ.
އެ ހަފުލާގައި އިއުލާންކުރި ގޮތުގައި، ޓެންސެންޓް ކުންފުނީގެ ކާބަންއެކްސް ޕްރޮގްރާމް 2.0ގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި، ރާއްޖޭގެ އއ. ހިމަންދޫގައި ކުރިއަށްގެންދާ “ލޯންގް-ޑިއުރޭޝަން އެނާޖީ ސްޓޯރޭޖް” މަޝްރޫއު ވަނީ ހިމެނިފައެވެ. އަދި އެ މަޝްރޫއުގެ ދަށުން ހިމަންދޫގައި ‘ފްލޯ ބެޓަރީ އެނާޖީ ސްޓޯރޭޖް’ ނިޒާމެއް ގާއިމުކޮށް، އެ ރަށަކީ ސައްތައިން ސައްތަ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ރަށަކަށް ހެދުމަށް ވަނީ އަމާޒު ހިފާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ ގައުމީ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފައްދާ ކަރަންޓަށް ހެދުމެވެ. ހިމަންދޫގައި ކުރިއަށްގެންދާ މި މަސައްކަތަކީ އެ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އެފަދަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާ އިތުރަށް ހަރުދަނާވެ، ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު އުފެއްދުމުގެ ނިޒާމެއް ގާއިމުވެގެންދާނެއެވެ. މިއީ ރާއްޖެއިން ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































