ރާއްޖޭގައި ރަޖިސްޓްރީވެސް ނުކުރާ މެޑިކަލް ކޮލެޖަކަށް ދަރިވަރުން ނަގަން އިޝްތިހާރުކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ހިންގަމުންދާ ކަމަށް ބުނެ އިޝްތިހާރުކުރަމުންދާ  “އެސްއޭއެސް މެޑިކަލް ކޮލެޖު”އަކީ ރާއްޖޭގައި ރަޖިސްޓްރީވެސްކޮށްފައިވާ ކޮލެޖެއް ނޫން ކަމަށެވެ.

އެ ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރަމުންދާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ ރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތަޢުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެއް ކަަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަތީ ތައުލީމުދޭ މަރުކަޒަކުން މެނުވީ ޔުނިވަރސިޓީއެއް ކަމަށް ނުވަތަ ކޮލެޖެއް ކަމަށް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް އެއްވެސް ފަރާތަކުން އިޝްތިހާރުކުރުމަކީ ވެސް ކުށެއް ކަަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި މެޑިސިން ކިޔަވައިދެމުންދަނީ ހަމައެކަނި ގައުމީ ޔުނިވާސިޓީ(އެމްއެންޔޫ)ގަ އެވެ. އަދި ބޭރުގެ ބައެއް ފަރާތްތަކުން ޕްރައިވެޓް މެޑިކަލް ކޮލެޖުތައް ހިންގަން މީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ. ނަމަވެސް އެފަދަ އެއްވެސް ޕްރައިވެޓް ކޮލެޖެއް އަދި ފަށާފައެއް ނުވެއެވެ.

Leave a Reply