
ރާއްޖޭގެ ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ގުޅިގެން ބާޒާރުގައި އުފެދިފައިވާ ބޭރު ފައިސާގެ ތާށިކަމަށް ލުޔެއް ހޯދައިދިނުމުގެ ބޭނުމުގައި، މިއަދުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހަށް ބޭންކުތަކަށް ޑޮލަރު ދޫކުރާ ނިސްބަތް 25 އިންސައްތަ އިތުރުކުރުމަށް މަރުކަޒީ ބޭންކުން ނިންމައިފިއެވެ.
އެމްއެމްއޭއިން ބަޔާންކުރި ގޮތުގައި، މި ބަދަލަކީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ބޭރު ފައިސާގެ އާމްދަނީ ދަށްވާ ދުވަސްވަރު ވެސް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޑިމާންޑް އެއް ހަމައެއްގައި ހިފެހެއްޓިފައި ހުރުމުން މާލީ ނިޒާމަށް ކުރިމަތިވާ ދަތިތައް ކުޑަކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. މިއީ އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ނިންމި ވަގުތީ ނިންމުމެއްކަން ވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި ވިޔަފާރިތަކަށާއި އާންމުންނަށް ބޭންކުތައް މެދުވެރިކޮށް ދޫކުރި ބޭރު ފައިސާގެ އަދަދު ވަނީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 72 އިންސައްތަ މައްޗަށް ގޮސްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ރާއްޖެއިން ބޭރުން ހޯދާ ތައުލީމާއި ސިއްހީ ފަރުވާއަށެވެ. އެގޮތުން އެ ދާއިރާތަކަށް ދޫކުރި ޑޮލަރުގެ ނިސްބަތް 78 އިންސައްތަ އުފުލިފައިވާއިރު، ތެލާއި، ކާޑުގެ ބާވަތްތައް އަދި ބޭހާއި ސިއްހީ އާލާތްތައް އެތެރެކުރުމަށް ދޫކުރި ފައިސާ ވަނީ 30 އިންސައްތަ އިތުރުވެފައެވެ.
މަރުކަޒީ ބޭންކުގެ މި ނިންމުމާ އެކު، އޮފް-ސީޒަން ތެރޭގައި ކަސްޓަމަރުންނަށް ބޭންކުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ބޭރު ފައިސާގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި ވެސް އެމްއެމްއޭއިން ވަނީ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމުގެ ގޮތުން މުހިންމު އިސްލާހީ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ބޭރު ފައިސާއާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމާއި، ބޭންކުތަކާ ގުޅިގެން ޒަރޫރީ ކަންކަމަށް އިސްކަންދީގެން ޑޮލަރު ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުން ހިމެނެއެވެ.







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































