
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޚިދުމަތް މި އަހަރުގެ ނިޔަލަށް އިތުރު ފަނަރަ ރަށަކަށް ފުޅާކުރުމުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވެމްކޯގެ ޖެނެރަލް މެނޭޖަރ އިސްމާޢީލު އުބައިދު ހާމަކުރެއްވި ގޮތުގައި، ސަރުކާރުގެ ސިޔާސަތުގެ ދަށުން ޖުމްލަ 26 ރަށެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމު ޤާއިމުކުރުމުގެ ޒިންމާ ވަނީ އެ ކުންފުންޏާ ހަވާލުކުރައްވާފައެވެ. މި މަޝްރޫޢުގެ ދަށުން އެ ރަށްރަށުގެ ލޯކަލް ކައުންސިލްތަކާ އެކު ބާއްވަންޖެހޭ މަޝްވަރާތައް ނިންމައި، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން މިހާރު ވަނީ ނިމިފައެވެ.
މިހާރު ކުރިއަށްދަނީ މި ރަށްތަކުގައި އަމަލީ ގޮތުން ކުނި އުކުމާއި މެނޭޖުކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާނެ އުޅަނދުފަހަރާއި މެޝިނަރީޒް ހޯދުމުގެ މަރުޙަލާއެވެ. އުބައިދު ވިދާޅުވީ، ކުނިކޮށިތައް ތަރައްޤީކޮށް ޒަމާނީ ފެންވަރަށް ޚިދުމަތް ދިނުމަށް ރާވާފައިވާއިރު، އެންމެ އިސްކަމެއް ދެއްވައިގެން މިއަހަރުގެ ތެރޭގައި އޭގެ ތެރެއިން 15 ރަށެއްގައި ޚިދުމަތް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށްގެން ސާފުތާހިރު ވެއްޓެއް ޤާއިމުކުރުމަށް ވެމްކޯއިން ގިނަގުނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިގޮތުން، ރާއްޖޭގެ ހުރިހާ ސިޓީއެއްގައި މިހާރުވެސް އެ ކުންފުނިން އަންނަނީ ކުނި މެނޭޖުކުރުމުގެ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންނެވެ.













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































