ގާނޫނީ ރޮނގުން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން ފިޒިކަލްކޮށް ހާޒިރުވެގެން އިމްތިހާނުތައް ފުރިހަމަކުރަންޖެހޭ ގޮތަށް ދާދި ފަހުން ގެނައި ބަދަލުތަކަށް އަމަލުކުރުން، އިދާރީ ދަތިތަކަކާ ހުރެ އަންނަ އަހަރަށް ފަސްކުރުމަށް މޯލްޑިވްސް ބާ ކައުންސިލުން މިއަދު ނިންމައިފިއެވެ.

ބާ ކައުންސިލުން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، އަންނަ އޮގަސްޓު މަހުން ފެށިގެން މި އުސޫލު ތަންފީޒުކުރަން ފަށައިފިނަމަ، ކޮލެޖުތަކާއި ޔުނިވާސިޓީތަކަށް ފަންނީ އަދި އޮޕަރޭޝަނަލް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. މީގެ އިތުރުން، މިހާރު ފާސްކޮށްފައިވާ ޕްރޮގްރާމްތަކަށް އައު މިންގަނޑުތަކާ އެއްގޮތަށް ބަދަލުގެނެސް، އަލުން އެކްރެޑިޓްކުރުމުގެ ފުރުސަތު ދިނުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން އެދިފައިވާތީ، އެކަމަށް ރިއާޔަތްކޮށް އައު އުސޫލަށް އަމަލުކުރުން ފަސްކުރީކަމަށް އެ ބަޔާނުގައިވެއެވެ.

ގާނޫނީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމުގެ މަގުސަދުގައި ބާ ކައުންސިލުން މިދިޔަ ހަފުތާގައި އާންމުކުރި އުސޫލުގައި، ހުރިހާ އިމްތިހާނެއް މަރުކަޒުތަކަށް ގޮސްގެން ހެދުމަށާއި، ކޯސްތަކުގައި އިނގިރޭސި ބަހަށް އަހުލުވެރިވެފައިވާ މިންވަރު ކަށަވަރުކުރުމަށް އާ ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. ނަމަވެސް، ކިޔަވަމުންދާ ދަރިވަރުންނަށް ކޯހުގެ މެދުތެރެއިން ކުއްލިއަކަށް މި ބަދަލުތައް ތައާރަފުކުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ވިލާ ކޮލެޖުގައި ގާނޫނީ ދާއިރާއިން ކިޔަވާ ދަރިވަރުން އިސްނަގައިގެން 400 އަށްވުރެ ގިނަ ކުދިންގެ ސޮޔާ އެކު މިހާރު ވަނީ ޕެޓިޝަނެއް ވެސް ތައްޔާރުކޮށްފައެވެ. މި ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، ރަށްރަށުގައި ތިބެގެން ކިޔަވާ ކުދިންނާއި ވަޒީފާ އަދާކުރާ މީހުންނަށް ފިޒިކަލްކޮށް އިމްތިހާނު ހަދަން މަޖުބޫރުވުމަކީ އިންސާފުން ބޭރު، ބޮޑު ތަކުލީފެކެވެ.

އޭގެ ބަދަލުގައި، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ފަދަ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން، ކެމެރާ އަދި ލޮކްޑައުން ބްރައުޒަރ ބޭނުންކޮށްގެން އޮންލައިންކޮށް އިމްތިހާނު ހެދޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށާއި، ބާ ކައުންސިލުގެ ނިންމުން މުރާޖައާކުރުމަށް ދަރިވަރުން ވަނީ ގޮވާލާފައެވެ.

ނަމަވެސް، އުސޫލަށް އަމަލުކުރުން ފަސްކުރަން ނިންމައި ނެރުނު ބަޔާނުގައި ދަރިވަރުންގެ މި ކަންބޮޑުވުންތަކާއި ޕެޓިޝަނާ ގުޅޭގޮތުން ބާ ކައުންސިލުން ސީދާ އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

Leave a Reply