އިސްލާމިކް ޗެމްބަރ އޮފް ކޮމާސް އެންޑް ޑިވެލޮޕްމަންޓް (އައި.ސީ.ސީ.ޑީ)ގެ ސެކްރެޓަރީ ޖެނެރަލް، ޝެއިޚް ޔޫސުފް ޙަސަން ޚަލާވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ހެނދުނު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ އިސްލާމީ އިޤްތިޞާދު ކުރިއެރުވުމާ ގުޅޭގޮތުންނެވެ. އެގޮތުން، ފަންނީ ޤާބިލުކަން އިތުރުކުރުމާއި، އިންވެސްޓްމަންޓްތައް ގެނައުމުގެ އިތުރުން، މެހެމާންދާރީގެ ދާއިރާއާއި ޙަލާލު ވިޔަފާރިތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި މީގެ ތެރޭގައި ޚާއްޞަ ގޮތެއްގައި ޙަލާލު ފަތުރުވެރިކަން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން އައި.ސީ.ސީ.ޑީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ހަދިޔާއެއް އަރުވާފައެވެ. އެއީ ފަންނުވެރި ރީތި ޚަތަކުން ލިޔެފައިވާ ކީރިތި ޤުރުއާނުގެ މުސްޙަފެކެވެ.

Leave a Reply