ކޯޓުތަކާ ބެހޭ ޤާނޫނާއި މަދަނީ އިޖުރާއަތުގެ ޤާނޫނަށް މުހިންމު އިސްލާޙުތަކެއް ގެނައުމަށް ސަރުކާރުން ނިންމަވައިފިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ފެށުމާ އެކު މި ބަދަލުތައް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ މަދަނީ މައްސަލަތަކުގެ އިޖުރާއަތްތައް ލުއިފަސޭހަކޮށް، ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް އަވަސް އިންސާފު ހޯދައިދިނުމެވެ. އެގޮތުން ވިޔަފާރީގެ މައްސަލަތަކަށް ޚާއްޞަކޮށްގެން ސިވިލް ކޯޓުގައި “ކޮމާޝަލް ޑިވިޜަން”އެއް ނުވަތަ ވަކި ޚާއްޞަ ކޯޓެއް ޤާއިމުކުރުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، އެއް ލައްކަ ރުފިޔާއަށް ވުރެ ދަށް އަދަދުތަކުގެ ކުދި މައްސަލަތައް އަވަހަށް ފައިޞަލާކުރުމަށްޓަކައި “ސްމޯލް ކްލެއިމްސް ކޯޓު”ގެ ނަމުގައި އައު ކޯޓެއް އުފެއްދުމަކީ ވެސް މި އިސްލާޙުތަކުގެ ތެރޭގައި ހިމެނޭ، އަދި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ވަޢުދުވެވަޑައިގެންފައިވާ މުހިންމު ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން، އެއްވެސް ކޯޓެއްގެ ނިންމުމަކަށް ނުވަތަ ވަކި މައްސަލައަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވިއެވެ. ކޯޓުތަކަށް މާލީ މިނިވަންކަން ހޯދައިދިނުމަށްޓަކައި، ދައުލަތަށް ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ބްލޮކް ގްރާންޓެއްގެ ގޮތުގައި ޝަރުޢީ ދާއިރާއަށް ކަނޑައެޅުމަށް ނިންމަވާފައިވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ދައުލަތް ހިންގުމުގެ ނިޒާމަކީ ޚަރަދުކުޑަ ނިޒާމަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަން ފާހަގަކުރެއްވިއެވެ.

ޝަރުޢީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ބަޔަކާ ހަވާލުކުރެވި މިހާރު ފެށިފައިވާ ކަމަށެވެ. އަދި ޖާގައިގެ ދަތިކަމާހުރެ މަސައްކަތްތައް ހުއްޓިފައި އޮތް ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ޚާއްޞަ އިމާރާތެއް ހަމަޖައްސަވައި، އެ ދެ ކޯޓުގެ ޚިދުމަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދެވޭނެ މަގު ތަނަވަސްކޮށްދެއްވީ ވެސް މި ސަރުކާރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Leave a Reply