Majilis

ފެނަކައިގެ އައްޑޫ ބްރާންޗްތަކާއި މަޝްރޫއުތަކާ ގުޅޭ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް، އެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކާ ގުޅޭގޮތުން މަނީ ލޯންޑަރިންގެ ތަހުގީގެއް ވަކިން ހިންގަން މަޖިލީހުން ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓްގައިވާ ގޮތުގެ މަތިން ކޮރަޕްޝަންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށާއި މަނީ ލޯންޑްރިންގެ މައްސަލަތައް ފުލުހަށް ހުށަހެޅުމަށް މަޖިލީހުން ފާސްކުރީ 53 މެންބަރުންގެ ވޯޓަކުންނެވެ. އެ ރިޕޯޓާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މާލިއްޔަތު ކޮމިޓީން ދިރާސާކޮށްފައި ވަނީ 2021ވަނަ އަހަރާއި 2023ވަނަ އަހަރާ ދެމެދު، ފެނަކަ ކޯޕަރޭޝަނުން އައްޑޫގައި ހިންގާ ބްރާންޗުތަކާއި މަޝްރޫއުތަކާ ގުޅޭގޮތުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓެވެ. އެ ރިޕޯޓާ ގުޅިގެން މާލިއްޔަތު ކޮމިޓީން އިތުރަށް ނިންމާފައި ވަނީ އެ މަސައްކަތް އިން-ހައުސްކޮށް ކުރަން ނިންމުމުގެ ކުރިން ކުންފުންޏަށް އެންމެ ފައިދާވާނެ ގޮތަކީ ކޮން ގޮތެއްކަން ނުބަލައި، ކުންފުންޏަށް ގެއްލުންވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދަން ނިންމިއިރު ތިއްބެވި ބޯޑު މެމްބަރުންނާއި ވެރިން ޒިންމާދާރުކުރަން އެންގުމަށެވެ.

ފެނަކައިގެ ވެރިންނާއި މުވައްޒަފުންނާ އާއިލީ ގުޅުން އޮންނަ ވިޔަފާރިތަކުން މުދަލާއި ހިދުމަތްތައް ނުހޯދޭ ގޮތަށް ޕްރޮކިއުމަންޓް ޕޮލިސީ އިސްލާހުކުރަން އެންގުމަށް ވެސް މާލިއްޔަތު ކޮމިޓީން ނިންމާފައިވެއެވެ.

Leave a Reply