
ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެމަނިކުފާނުގެ ފަހު ނޭވާއާ ހަމައަށް ވެސް ދެމިހުންނަވާނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކަމަށް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ކުރިއަށްގެންދާ ކެމްޕެއިންގެ ތެރެއިން ފ. ބިލެއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވަމުން، އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ކަމުގައި ވިޔަސް، އެމްޑީޕީ ދޫކުރައްވައި އެހެން ސިޔާސީ ޕާޓީއަކާ ނުގުޅޭނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. ރައީސް ނަޝީދު ސިފަކުރެއްވި ގޮތުގައި، އެމްޑީޕީއަކީ އެތައް ބައެއްގެ ބުރަ މަސައްކަތާއި މަތިވެރި ގުރުބާނީތަކަކުން އުފަންކުރުވި ޕާޓީއެކެވެ. އެހެންކަމުން، ޕާޓީން އެމަނިކުފާނު ބޭރުކޮށްލާ ހާލަތެއްގައި މެނުވީ ޕާޓީއާ ފެޔަށް ޖެހިވަޑައިނުގަންނަވާނެކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި، އިންތިޚާބުން ފެއިލްވެއްޖެނަމަ ދެން ހުންނަވާނީ ގޭގައިކަމަށް ވިދާޅުވިއެވެ.
ސިޔާސީ މައިދާނުގައި އެމަނިކުފާނު އެންމެ ގަޔާވާ އަދި ލޯބިވާ ޕާޓީއަކީ އެމްޑީޕީކަން ފާހަގަކުރައްވަމުން، ވަރަށް އަސަރުގަދަ ބަސްމަގަކުން އެމަނިކުފާނުގެ ޝުޢޫރުތައް ފާޅުކުރެއްވިއެވެ.
“އަޅުގަނޑުގެ ހަށިގަނޑުން ތަނެއް ކަނޑާލައިފިއްޔާ އަންނާނީ ރީނދޫ ކުލައިގެ ލޭ، އަޅުގަނޑު މި ދުނިޔެ ދޫކުރަން ބޭނުން ވަނީ ވެސް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރެ،” ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ އެއްވެސް އާންމު މެންބަރަކު އެ ޕާޓީއާ ވަކިވުމަށް އެމަނިކުފާނު ނޭދެކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ކެމްޕެއިން ދަތުރުފުޅުތަކުގައި އެމަނިކުފާނު ގެންދަވަނީ، އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އަދަދު އެއް ލައްކައަށްވުރެ މައްޗަށް އިތުރުކުރުމަކީ އެންމެ ބޮޑު އެއް އަމާޒުކަން ތަކުރާރުކޮށް ހާމަކުރައްވަމުންނެވެ.




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































