
ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގެ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އެއްކޮށް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި އެކުލަވާލާފައިވާ “ޕީޖީއޯ 2.0” މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކުރުމަށް ހަމަޖެހިފައިވާ މި ޑިޖިޓަލް ޓްރާންސްފޯމޭޝަން ސިޔާސަތުގެ ދަށުން، ކަރުދާސް ބޭނުންކުރުން ހުއްޓާލައި، މުޅި ނިޒާމު އެއްކޮށް ޑިޖިޓަލް ކުރެވޭނެއެވެ. މީގެ އެންމެ ބޮޑު އެއް ބޭނުމަކީ ހާމަކަން ބޮޑު، ހަރުދަނާ އުޞޫލެއްގެ ތެރެއިން އެއް މަންޒިލަކުން އާންމުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. ޕީޖީ އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބަދަލާ އެކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީތެރިކަމާ އެކު ދައުވާކުރުމުގެ މަރުހަލާތައް އިތުރަށް ހަރުދަނާވެގެން ދާނެއެވެ.
ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން މައްސަލަތައް ދިރާސާކުރުމާއި، ހެކި ވަޒަންކުރުމުގެ އިތުރުން ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމަށް ޕްރޮސެކިއުޓަރުން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެ، އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ހަލުވިވެގެންދާނެކަމަށް އެ އޮފީހުން ބުނެއެވެ. މިއީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ ވަރަށް މުހިންމު އިންވެސްޓްމަންޓެއްކަން ފާހަގަކުރަމުން އެ އޮފީހުން ކަށަވަރުކޮށްދީފައި ވަނީ، އޭއައިގެ ބޭނުން ހިފި ނަމަވެސް މައްސަލަތަކުގައި އެންމެ ފަހުގެ ނިންމުންތައް ނިންމާނީ އިންސާނުން ކަމަށެވެ.
މި މަޝްރޫޢު ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އިތުރު މުހިންމު ޚިދުމަތްތަކަކާއި އުފެއްދުންތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން، އުއްތަމަ ފަނޑިޔާރު ވަނީ ޕީޖީ އޮފީހުގެ އެކަޑަމީން އެކުލަވާލި “އެވިޑެންސް އަ ޕްރެކްޓިޝަނަރ ގައިޑް” ފޮތް ނެރެދެއްވާފައެވެ. އަދި އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އެ އޮފީހުގެ އައު ވެބްސައިޓް ލޯންޗުކޮށްދެއްވިއިރު، ޚާރިޖީ ވަޒީރު ވަނީ އޮފީހުގެ ކައުންޓަރަށް ހާޒިރުނުވެ އޮންލައިންކޮށް ޚިދުމަތް ހޯދޭނެ “ވާޗުއަލް ދޮރޯށި” ހުޅުއްވައިދެއްވާފައެވެ.
މީގެ އިތުރުން، ޖިނާއީ އަދުލުގެ ނިޒާމާގުޅޭ ހުރިހާ ޤާނޫނުތަކާއި ކޯޓުތަކުގެ ނިންމުންތަކުގެ އިތުރުން އެތަކެތީގެ އިނގިރޭސި ތަރުޖަމާ އެއްތަނަކުން ފެންނަން ހުންނަ “ލެތުން” މޯބައިލް އެޕްލިކޭޝަންވެސް މި ރަސްމިއްޔާތުގައި ވަނީ ނެރެފައެވެ. މި އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ބަންޑާރަނައިބު އަޙްމަދު އުޝާމްއެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































