އުމްރާނީ އެކި މަޝްރޫއުތަކަށް ފައިނޭންސިން ހޯދަން ސައުދީ ޑިވޮލޮޕްމަންޓް ފަންޑް (އެސްއެފްޑީ)ގެ ސީއީއޯ ސުލްތާން ބިން އަބްދުއް ރަހުމާން އަލް-މަރްޝަދުއާއެކު މަޝްވަރާކޮށްފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި އެސްއެފްޑީގެ ސީއީއޯ ރާއްޖެ ވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އަދި އޭނާ މިއަދު ވަނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވައިފައެވެ.

އެ ޒިޔާރަތުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ތަރައްގީގެ ދާއިރާއިން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކޮށް އިޤްތިޞާދީ ކުރިއަރުވައި އަސާސީ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އިސްކަންދޭ އުމްރާނީ މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސިންގ ހޯދުމާ ގުޅޭގޮތުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެއެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ޒަރީރުވަނީ އެސްއެފްޑީ އިން ރާއްޖޭގެ ތަރައްގީއަށް ދެއްވަމުންދާ ދިގު މުއްދަތުގެ އެހީތެރިކަމާއި ބާއްވަވާ ގާތް ގުޅުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

އެސްއެފްޑީއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ 1978ވަނަ އަހަރު، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމަށް ދޫކުރި ފުރަތަމަ ލޯނާ އެކުގައެވެ.

އޭގެ ފަހުން މިއަދާ ހަމައަށް، އެ ފަންޑުން ވަނީ 14މަޝްރޫއަކާއި ޕްރޮޖެކްޓްތަކަށް ޖުމްލަ 17ލޯނު ދޫކޮށްފައެވެ. އޭގެ ތެރޭގައި ހިމެނޭ ފައިނޭންސިންގގެ ޖުމްލަ އަދަދު 488މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރެވެ. އެ ފަންޑުގެ އެހީތެރިކަން ވަނީ ދަތުރުފަތުރާއި، ސިއްހީ ދާއިރާއާއި، ބޯހިޔާވަހިކަމުގެ އިތުރުން ސިޓީ ތަރައްގީކުރުން ފަދަ މުހިންމު ދާއިރާތަކަށް ފޯރުކޮށްދީފައެވެ.

އެސްއެފްޑީގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ބޮޑުކޮށް ތަރައްގީކުރުމުގެ މަޝްރޫޢެވެ. އެ މަޝްރޫއުއަށް އެ ފަންޑުން ގާތްގަނޑަކަށް 217މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިން ފޯރުކޮށްދިނެވެ.

އޭގެ އިތުރުން، ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގެ ޕްރޮގްރާމަށް 50މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، ހުޅުމާލޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށްވެސް އެ ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

Leave a Reply