
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ފަރާތުން އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް މާލީ ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ދޫކުރާ އެލަވަންސް ލިސްޓުގައި ނިމިދިޔަ އޮގަސްޓު މަހު އިތުރު 87 މީހަކު ރަޖިސްޓްރީކޮށްފިއެވެ.
އެންސްޕާއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަލަށް ރަޖިސްޓްރީކުރި ފަރާތްތަކާ އެކު އިތުރު 179 ކުޑަކުއްޖަކަށް ދައުލަތުގެ މި އެހީތެރިކަން ވަނީ ހަމަޖެހިފައެވެ. މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް، ދަރިން އެކަނި ބަލަހައްޓާ ޖުމްލަ 3،357 މީހަކަށް މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، މިއީ 5،206 ކުދިންގެ ހައްގުގައި ދޫކުރެވޭ ފައިސާއެވެ. މިއާ އެކު ފާއިތުވި މަހު އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ވަނީ ޖުމްލަ 17،469،000 ރުފިޔާ ޚަރަދުކޮށްފައެވެ.
މިއީ އޭގެ ކުރީ މަސްތަކާ އަޅައިބަލާއިރު އެލަވަންސަށް ކުރެވުނު ހޭދަ ބޮޑުތަނުން އިތުރުވި މަހެކެވެ. މި އަދަދު މައްޗަށް ގޮސްފައި ވަނީ، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސަރުކާރުން އެލަވަންސަށް ގެނައި ހެޔޮ ބަދަލުތަކުގެ ސަބަބުންނެވެ. މިހާރު އަމަލުކުރަމުންދާ އާ އުސޫލުގެ ދަށުން، ކޮންމެ ކުއްޖަކަށް މަހަކު 3،000 ރުފިޔާގެ މަގުން އެންމެ ގިނަވެގެން ހަތަރު ކުދިންނަށް ފައިސާ ދޫކުރެއެވެ. ހަތަރު ކުދިންނަށްވުރެ ގިނަ ކުދިން ތިބޭ އާއިލާތަކަށް އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ދޭން ނިންމާފައިވާއިރު، އެއް އާއިލާއަކަށް އެންމެ މަތިން ލިބޭނީ މަހަކު 15،000 ރުފިޔާއެވެ. ނަމަވެސް މީގެ ކުރިން މި އިނާޔަތް ދެމުން އައީ ފުރަތަމަ ކުއްޖަކަށް 2،000 ރުފިޔާ އަދި އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ ރޭޓުން، އާއިލާއަކަށް ގިނަވެގެން 10،000 ރުފިޔާ ލިބޭ ގޮތަށެވެ.
ދައުލަތުގެ މި އެހީ ހައްގުވަނީ ކަނޑައެޅިފައިވާ ފަގީރުކަމުގެ މިންގަނޑަށްވުރެ ދަށް އާމްދަނީއެއް ލިބޭ، އަދި ކައިވެނި ރޫޅިފައިވާ ނުވަތަ ހުވަފަތްވެފައިވާ މީހުންނަށެވެ. މީގެ އިތުރުން، އެހީ ލިބޭ ކުދިންނަކީ ތައުލީމު ހާސިލުކުރަން ސްކޫލަށްދާ އަދި ވެކްސިން ފުރިހަމަކޮށްފައިވާ ކުދިން ކަމުގައި ވުމަކީ މަޖުބޫރު ޝަރުތެކެވެ. ވަރިވެފައިވާ ފަރާތްތަކަށް އެލަވަންސަށް ހުށަހެޅޭނީ ވަރިވިތާ ތިން މަސް ފާއިތުވުމުން ކަމަށް ވިޔަސް، ހުވަފަތްވެފައިވާ މީހުންނަށް މި މުއްދަތު ހޭދަކުރާކަށް ނުޖެހޭނެއެވެ. އަދި މި އިނާޔަތް ލިބޭ ކުދިންނަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުން ދޫކުރާ ޚާއްޞަ އެލަވަންސް ލިބޭ ކުއްޖަކަށް ވެގެން ނުވާނެކަމަށް ވެސް އެންސްޕާގެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































